ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސޭރަތު ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިން ހިންގި "ޖަރީމާ" އާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ފަލަސްތީނުން ގޮވާލައިފި އެވެ.
ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ފަލަސްތީނުގެ މަންދޫބަށް އަންގަވާފައި ވަނީ ނުސީރަތު ކޭމްޕުގައި އިސްރާއީލު ސިފައިން ހިންގި ލޭ އޮހޮރުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމަށެވެ.
އައްބާސް މިހެން ވިދާޅުވެފައި މިވަނީ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާއި ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕާއި އެހެނިހެން ސަރަހައްދުތަކަށް ކުއްލިއަކަށް ވަދެ 210 މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައެވެ.
"އދ.ގެ ސަލާމަތީ މަޖިލީހުގެ މި ކުއްލި ބައްދަލުވުން ބޭއްވުމަށް ޓަކައި ރައީސް އައްބާސް ގެންދަވަނީ ކަމާބެހޭ އަރަބި އަދި ބައިނަލްއަގްވާމީ ފަރާތްތަކާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މުއާމަލާތް ކުރައްވަމުން،" އެ އެޖެންސީން ބުންޏެވެ.
އައްބާސް ވިދާޅުވީ ޣައްޒާއާއި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ހިނގަމުންދާ އިންސާނީ ކާރިސާ ހުއްޓުވުމަށް ބައިނަލްއަގްވާމީ ނުފޫޒު ފޯރުވަން ޖެހޭ ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އިސްރާއީލުން ދަނީ ޣައްޒާއަށް ދެމުންނެވެ.
އޭގެ ފަހުން ޣައްޒާގައި ފަލަސްތީނުގެ 36،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 83،500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
އިސްރާއީލު ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފަ އެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުން ނެރުނު ހުކުމުގައި ވަނީ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ތެލްއަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!