ޖަޕާނުގައި ދަރިމައިވުމާއި އުފަން ރޭޓް ރެކޯޑް މިންވަރަކަށް އަނެއްކާވެސް ދަށަށްގޮސްފައިވާއިރު، ޓޯކިޔޯއިން އުއްމީދު ކުރަނީ ޑޭޓިން އެޕްލިކޭޝަނަކުން އެކަން ބަދަލުކޮށްލެވޭނެ ކަމަށެވެ.
ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އުފަންވާ ކުދިންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާއިރު، ގާތްގަނޑަކަށް 124 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނުގައި އުފަންވެފައިވަނީ އެންމެ 727،277 ކުދިންނެވެ. އާބާދީ ހަމައަކަށް އެޅުމަށް ބޭނުންވާ 2.1 ރޭޓަށް ވުރެ މާ ދަށް، ދަރިމައިވުމުގެ ނިސްބަތް ކޮންމެ އަންހެނަކަށް 1.20 އަށް ވަނީ ދަށްވެފަ އެވެ.
ޖަޕާނުގެ ދަރިމައިވުމުގެ މައްސަލަ އަކީ އެތައް އަހަރެއް ވަންދެން އުފެދިފައިވާ ކާރިސާއަކަށް ވާއިރު، ކޮންމެ އަހަރަކު ވެސް އުފަންވާ މީހުން މަރުވާ މީހުންނާ އެއްގޮތަށް ނުހިފެހެއްޓުމުގެ ސަބަބުން މުޅި އާބާދީ ވެސް ދަނީ މަދުވަމުންނެވެ. މި ޑިމޮގްރަފިކް އިމްބެލެންސްގެ ސަބަބުން ޖަޕާނުގެ މަސައްކަތު މީހުންނާއި އިގްތިސާދާއި ވެލްފެއާ ސިސްޓަމާއި އިޖުތިމާއީ ކަންކަމަށް ނުރައްކާވެ އެވެ.
ޗައިލްޑް ކެއާ ސަޕޯޓް، ހައުސިން ސަބްސިޑީ އަދި ދެމަފިރިންނަށް ވެސް ބައެއް އަވަށްތަކުގައި ފައިސާ ދިނުން ފަދަ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާއިރު، ޓޯކިޔޯގެ އޮފިޝަލުން ގެންދަވަނީ އީޖާދީ ވިސްނުމެއް ގެންގުޅުއްވަމުންނެވެ.
އޭއައި ޕަވާޑް މެޗްމޭކިން އެޕްލިކޭޝަން، މި އަހަރުގެ ފަހުކޮޅު ފުލް ރޯލްއައުޓް ކުރުމުގެ ކުރިން ދަނީ ޓެސްޓް ކުރަމުންނެވެ. މީގެ އަމާޒަކީ ޑައިގްނޯސްޓިކް ޓެސްޓުތަކުން އެސެސްކުރާ ޝެއާޑް ވެލިއުސް އާއި ކޮމްޕެޓިބިލިޓީގެ މައްޗަށް ބިނާކޮށް ކައިވެންޏަށް އެދޭ ސިންގަލްސްގެ "ފުރަތަމަ ފިޔަވަޅަކަށް" ވުމެވެ.
ތަޖުރިބާކާރުން ބުނަނީ ޖަޕާން ހަގީގަތުގައި ނެތިގެން ނުދާނެ ކަމަށާއި ނަމަވެސް ނިޒާމީ ބަދަލުތަކުން ހައްލު ނުލިބިއްޖެ ނަމަ ދަރިމައިވުމުގެ މައްސަލަ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ޓޯކިޔޯ މެޓްރޮޕޮލިޓަން ސަރުކާރުން ބުނީ މި އެޕްލިކޭޝަނަކީ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އާއި ކުޑަކުދިން ބެލެހެއްޓުމާއި ގޭތެރޭގެ މަސައްކަތާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތުތަކާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ފުރިހަމަކޮށްދޭ އެޕްލިކޭޝަނެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!