ޣައްޒާގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް އާންމުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގަމުން އަންނަ ސްކޫލަކަށް ބުދަ ދުވަހުގެ ރޭ ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 14 ކުޑަކުދިންނާއި ނުވަ އަންހެނުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ގެދޮރު ގެއްލިފައިވާ އާންމުންގެ 74 މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި 23 ކުޑަކުދިންނާއި 18 އަންހެނުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީޑިއާ އޮފީހުން ބުނީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ހުންނަ އިސްރާއީލު ސިފައިން 149 ހިޔާއަކަށް ހަމަލާދީފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ ސްކޫލަށް ހަމަލާ ދިން ކަމަށް އިއުތިރާފުވެ، ހަމާސްގެ ހަނގުރާމަވެރިން އެތެރޭގައި ފިލާތިބި ކަމަށް ބުނެފަ އެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އިޒްރޭލުން ދަނީ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.
އޭގެ ފަހުން ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 36،600 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 83،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
އިސްރާއީލު ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!