ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މި އަހަރު ހިލޭ ހައްޖަށް ފޮނުވާ 50 ފަގީރުންގެ ތެރެއިން 48 މީހުން މާދަމާ ހައްޖަށް ދިއުމަށް ސައުދީ އަރަބިއްޔާ އަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ އެމަނިކުފާނުގެ ވައުދެކެވެ. އެގޮތުން މި އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ވަނީ ކަނޑައަޅައި ހައްޖު ކޯޕަރޭޝަނާ ހިއްސާކޮށްފައެވެ. މި މީހުން ހޮވީ އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ލައިވް ގުރުއަތުލުމެއްގައެވެ. މި ގުރުއަތުލުމުގައި ޖުމްލަ 60 މީހެއްގެ ނަން ވަނީ ނަގައިފައެވެ.
އެއީ މި އަހަރު ހައްޖަށް ދާން ގުރުއަތުން ހޮވުނު 50 މީހުންނާއި ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެ ނަމަ، ޖާގަ ދޭނެ އިތުރު 10 ފަރާތް ހިމެނޭ ގޮތަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ޖާގަ ދޫކޮށްލާފައިވާ ކަމަށެވެ. އެހެންވެ ލިސްޓުގެ ތަރުތީބުން ރިޒާވް ލިސްޓްގައި ތިބި 10 ފަރާތަށް ފުރުސަތު ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި 50 މީހުންގެ ތެރެއިން އަތޮޅުތެރޭ ތިބި މީހުން މާލެ ގެނައުމާއި ކެއުމާއި ބުއިމުގެ ހަރަދު އަދި ހައްޖު ދަތުރު ނިމި އެނބުރި ރަށަށް ފޮނުވުމުގެ ހަރަދު ދައުލަތުގެ ފަރާތުން މިހާރު ވަނީ ހަމަޖައްސައިފައެވެ. މި 50 މީހުންގެ ތެރެއިން ދެ މީހުން މިހާރު ތިބީ ސައުދީ އަރަބިއްޔާގއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބާކީ ތިބި 48 ހައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހައްޖު ކޯޕަރޭޝަންގެ ތިން ވަނަ ފްލައިޓުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!