މާލޭގައި މަރާލި އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ފަސް އަހަރު ފަހުން ވެސް ހައި ކޯޓުގައި ނުފެށި އަނެއްކާވެސް ކެންސަލްވެއްޖެ އެވެ.

ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލައީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ.

Ad
rt

އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވެސް އިސްތިއުނާފް އަޑުއެހުންތައް ފަށަން ހަމަޖެއްސި ނަމަވެސް އަޑުއެހުން ކުރިއަށް ނުގެންދެވުނީ ދިފާއީ ވަކީލުން އެކަމަށް ތައްޔާރު ނުވެ ތިބުމުންނެވެ.

މިއަދުގެ އަޑުއެހުމުގައި އެ ދެ މީހުންގެ ވަކީލުން ފުރަތަމަ އެދުނީ އެ މައްސަލާގެ އިސްތިއުނާފް ފޯމް އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެ ފުރުސަތު ނުދިނުމަށެވެ. އަދި އިސްތިއުނާފް ނުކުތާތައް މިއަދު ހުށަހަޅަން ތައްޔާރު ނުވެވޭ ކަމަށް ވަކީލުން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ނުކުތާތައް ހުށަހަޅަން ބެންޗުން އެންގެވި އެވެ.

ހައި ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަބްދުލްމާނިއު އެވެ.

މުހީތުގެ މަރުގެ މައްސަލާގައި އިތުރު ދެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު މަރުގެ ހުކުމް އިއްވި އެވެ. އެ މީހުންގެ މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.