ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފިއެވެ.
ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަސް އިންދުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅު ފުރިހަަމަކުރުމަށް ސްޓެލްކޯއިން ފަސް ލައްކަ ގަސް އިންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 30 ރަށެއްގައި ގަސް އިންދުމަށް ވަނީ ހަަމަޖެހިފައެވެ. އެގޮތުން ތުލުސްދޫގައި އިންދީ ރުއް ގަހެވެ. އަދި ކުރިއަށް ހުރި އެ ޕްރޮގްރާމުގައި ރާއްޖޭގައި ނެތިގެންދާ ގަސްތަކާއި ކަނާގެ ބައެއް ބާވަތްތަކުގެ ގަސްތައް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ގަސް އިންދުމުގެ ޕްރޮގްރާމު ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކުންފުނީގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބުމަށް ނޭދޭތީ ކަަމަށެވެ.
"މިއަދު އިންދާ ގަހުގެ ފައިދާ އަޅުގަނޑުމެންނަށް ފަހަރެއްގައި ނުކޮށްފާނެ ނަމަވެސް މިއަދު އިންދާ ގަހުގެ ފައިދާ ކުރާނީ އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް. މުސްތަގުބަލަށްތަކައި ކުރެވޭ އިންވެސްޓެއްގެ ގޮތުގައި މި ދެކެނީ،" ފަހުމީ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ތުލުސްދޫގައި 5000 ގަހާއި 1000 ރުއްގަސް އިންދުމަށް ވަނީ ހަަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!