ހެއިޓީގެ 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ނުރައްކަލުގެ ޙާލަތު ކުރިމަތިވެފައިވާދަނޑިވަޅެއްގައި، ހަމަނުޖެހުންތައް ބޮޑުވެ، ކާބޯތަކެތީގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް އދއިން ބުދަ ދުވަހު އިންޒާރުދީފިއެވެ.

ހެއިޓީގައި ހުންނަ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ކަންޓްރީ ޑައިރެކްޓަރު ޖީން މާޓިން ބައުއާ ވާޗުއަލްކޮށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރުން ބުނާ ގޮތުން، މިހާރު ހެއިޓީގައި 5 މިލިއަން މީހުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 1.6 މިލިއަން މީހުންނަކީ ކާބޯތަކެތީގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ މީހުން ކަމަށެވެ.

Ad
rt

ބައުއާ ވިދާޅުވީ މާޗް މަހުން ފެށިގެން ހާލަތު އޮތީ ވަރަށް ބޮޑަށްގޯސްވެފައި ކަމަށާއި ބޮޑެތި ޑިސްޕްލޭސްމަންޓްތަކެއް ހިނގާފައިވާ ކަމަށެވެ.

ބައުއާ ވިދާޅުވީ ތޫފާން މޫސުން ކައިރިވެފައިވާ މި ދަނޑިވަޅުގައި ހިއުމެނިޓޭރިއަނުން "ފިޔަވަޅު އަޅަން ތައްޔާރަށް ތިބެން ޖެހޭ، ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ހައިޓީއަށް އެހީތެރިވާން ތައްޔާރަށް ތިބެން ޖެހޭ" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ ޑިސްޕްލޭސްމަންޓްގެ އެއް އަސަރަކީ ކާބޯތަކެތީގެ އަގު އުފުލުމެވެ.

"އަޅުގަނޑުމެންނަށް އެނގޭ ޖެނުއަރީ މަހުން ފެށިގެން ޕޯޓް-އޯ-ޕްރިންސްގައި ކާބޯތަކެތީގެ އަގު 27 ޕަސެންޓް އުފުލިފައިވާކަން،" މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ސިޓީގައި އާމްދަނީ "ވަރަށް ދަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ހެއިޓީގެ މައްސަލައަށް ސަމާލުކަން ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

"އަހަންނަށް އެނގޭ ހެއިޓީއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުނީ އެހެން ތަންތަނަށް ބަލަހައްޓައިގެން، އެހެން ތަންތަނަށް ބަލަމުންދާތީކަން،" އޭނާ ވިދާޅުވި އެވެ.

އަދި ހެއިޓީއަށް ކުރިމަތިވެފައިވާ ކާރިސާއަށް އިޖާބަ ދޭން ޖެހޭ ކަމަށާއި އދ.ގެ ހިއުމެނިޓޭރިއަން ރެސްޕޮންސް ޕްލޭން އަދިވެސް އޮތީ "އަންޑަ ފަންޑް" ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހެއިޓީއަށް ގޭންގް މާރާމާރީތަކާއި ސިޔާސީ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތާ އެތައް އަހަރެއް ވެއްޖެ އެވެ. މިފަހަކަށް އައިސް ހާލަތު އިތުރަށް ގޯސްވެ، ވަގަށް ނެގުމާއި، މީހުން މެރުމާއި، ފޭރުމާއި، އެނޫންވެސް ހަރުކަށި ޖަރީމާތައް ހިންގުން ވަނީ އާންމުވެފައެވެ.

ހެއިޓީން ވަނީ އަމަން އަމާންކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް ގޮވާލާފައެވެ.