އެކްސެލް ލަންޑަންގައި މިއަހަރު ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް)ގައި ރާއްޖޭން ބައިވެރިވާނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ.
އެމްއެމްޕީއާރުސީން ވަނީ އެ ކުންފުންޏާއެކު މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެގްޒަބިޓަރުންނަށް މިހާރު ހުޅުވާލާފައެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް ޓްރޭޑް އިވެންޓް ކަމަށްވާ ޑަބްލިއުޓީއެމް އިނގިރޭސިވިލާތުގެ ދަތުރުފަތުރުގެ ދާއިރާގެ މުހިންމު ފަރާތްތައް ބައްދަލުވެ މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާ ހަރަކާތެކެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 75,347 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އެމްއެމްޕީއާރުސީން ބުނީ ޑަބްލިޔުޓީއެމް ލަންޑަންގައި ރާއްޖޭގެ ތަފާތުކަމާއި ރީތިކަމާއި އެކިއެކި ހުށަހެޅުންތައް ދައްކާލައިގެން ބްރޭންޑް އެވެއާރނަސް ހަރުދަނާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، ސްޓްރެޓެޖިކް ނެޓްވޯކިންގ މެދުވެރިކޮށް، އިނގިރޭސިވިލާތާއި ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިޔަފާރީގެ މުހިންމު ބައިވެރިންނާ ގުޅުންތައް ގާއިމްކޮށް، ފަތުރުވެރިކަމުގެ އާ އުފެއްދުންތަކާ ބެހޭމައުލޫމާތު ހިއްސާކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ގުދުރަތީ ގޮތުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޕްރޮމޯޓުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ހަރަކާތުގައި އެމްއެމްޕީއާރުސީއާއެކު ބައިވެރިވާ ކޯ އެގްޒިބިޓަރުންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޕްރޮޕަޓީތައް ދައްކާލެވޭނެއެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން މެންބަރ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ވަނީ ދައުވަތު އަރުވާފައެވެ.
މި ހަރަކާތުގައި ބައިވެރިވާން މިއަހަރަށް މެންބަރޝިޕް އައުކޮށްފައިވާކަން ޔަގީންކުރުމަށް ވެސް އެމްއެމްޕީއާރުސީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!