އިންޑިއާގެ ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އަށް ލިބުނު ކާމިޔާބީއަކީ ދެކުނު އޭޝިއާގެ އެ ގައުމުގެ ތާރީހުގައި ވެސް ތާރީހީ ކާމިޔާބީއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ މިނިންމުމަށް އިޙްތިރާމްކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމުގައި ދެމިތިބުމަށް ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ރަނގަޅު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ވޯޓު ގުނަން ފެށި ފަހުން މޯދީ އެކްސްގައި ކުރެއްވި ފުރަތަމަ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

Ad
rt

"އަޅުގަނޑުމެންގެ ހުރިހާ އެކްޓިވިސްޓުން (މަސައްކަތްތެރިން) ކުރި ބުރަ މަސައްކަތަށް ވެސް އަޅުގަނޑު ސެލިއުޓް ކުރަން. އެމީހުންގެ އާދަޔާ ހިލާފު މަސައްކަތްތަކަށް ހަމައެކަނި ބަސްތަކުން ދުވަހަކުވެސް އަގުއަދައެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެ ރޭގެ ނިޔަލަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ނަތީޖާދައްކާ ގޮތުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް 239 ގޮނޑި ލިބިފައިވާއިރު ޕާލަމެންޓުގެ 543 މެމްބަރުން ހިމެނޭ ތިރިގޭގައި އިތުރު ދެ ގޮނޑި ކުރީގައި އޮތްއިރު، މައި އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް އަށް 95 ގޮނޑި ލިބި، އިތުރު ހަތަރު ގޮނޑި ކުރީގައި އޮތެވެ.

ނަތީޖާދައްކާގޮތުން އެންޑީއޭ ކޯލިޝަނަށް ސަރުކާރު އުފެއްދުމަށް ބޭނުންވާ އަދަދަށް ވުރެ ގިނަ ގޮނޑި 272 އަށް ވުރެ ގިނަ ގޮނޑި ހޯދުމުގެ މަގުމަތީގައި އޮތްއިރު، އިދިކޮޅު އިއްތިހާދަށް މަދުވެގެން 230 ގޮނޑި ލިބޭނެ އެވެ.

ނަމަވެސް ބީޖޭޕީއަށް އަމިއްލައަށް ސަރުކާރު އުފެއްދޭވަރަށް ބޭނުންވާ 272 ގޮނޑީގެ އަޣުލަބިއްޔަތު ނުލިބުނެވެ.

އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ހަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މެރެތަންގައި ވޯޓުލުމުގެ ކުރިން މޯދީގެ އިއްތިހާދުން ވަނީ 400 ގޮނޑި އަށް އަމާޒު ހިފާފައެވެ.