ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.
މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފައެވެ.
އެ ބިލްގައިވާ ގޮތުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން ގެޒެޓްކުރާތާ ތިން މަސް ދުވަސް ތެރޭ އެ ގޯތި ލިބޭ ފަރާތްތަކާ ރަޖިސްޓްރީ ހަވާލުކުރަން ޖެހެއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ކޮމިޓީ އަށް ފޮނުވަން ފެނޭތޯ ވޯޓަށް އެހުމުން ބިލް ކޮމިޓީ އަށް ފޮނުވަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. ބިލް ކޮމިޓީ އަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 75 މެމްބަރުންނެވެ.
ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބިލަށް ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ބިލް ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް 76 މެމްބަރުން ވޯޓު ދެއްވިއެވެ.
އެ ބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރިތާ އެތައް ދުވަހެއްވީ އިރު ވެސް މި ސަރުކާރުން އެ ގޯތިތައް ހަވާލު ނުކުރާތީ ގޯތިތައް ހަވާލު ކުރަން މަޖޫބުރުވާ ގޮތަށް ހުށަހެޅި ބިލެކެވެ.
ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދީފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ ދިން އިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބައެއް މީހުންނަށް ގޯތި ވެސް ހަވާލުކުރިއެވެ.
މި ސަރުކާރުން ބުނެފައި ވަނީ ބިންތައް ހިއްކޭ ވަރަކުން ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!