ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސް އޮފީހުގައެވެ.

Ad
rt

އެދެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ. އެމަނިކުފާނަށް މަގާމުގެ ލިޔުން އަރުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަނީ 10 މެންބަރުންގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ އެ ކޮމިޝަންގެ މެންބަރެކެވެ.

މީގެއިތުރުން ޖޭއެސްސީގައި ހިމެނެނީ، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު، ބަންޑާރަނައިބު އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލެކެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީ އަށް ކަނޑައަޅާފައި ވަނީ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިނެވެ. އޭނާ ވަނީ ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވައިފައެވެ.