ނަވާރަ ވަނަ މަޖިލިހުގައި ރުހުން ލިބިވަޑައިނުގެންނެވި ތިން ވަޒީރުންނަށް އަލުން ރުހުން ދިނުމަށް 20 ވަނަ މަޖިލިހަށް ހުށަހަޅައި އެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

Ad
rt

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ލިބިވަޑައިނުގެން ތިން ވަޒީރުން އެ ބޭފުޅުން ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރައްވައިފައެވެ. އަދި ރުހުން ހޯދުމަށް އަލުން ނަންފުޅުތައް މަޖިލީހަށް ފޮނުއްވިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅު މަޖިލިހަށް އިއްވަވައިފައެވެ. އަދި އެ ވަޒީރުންގެ ނަންތައް ކޮމިޓީ އަށް ފޮނުވަން ނިންމި ކަން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.

ތިން ވަޒީރުންނަށް ރުހުން ދީފައިނުވިނަމަވެސް، އެ ތިން ވަޒީރުން ގެންދަވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ.