ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ކޭމްޕުން އިސްރާއީލު ސިފައިން ނުކުތްތާ ދެ ދުވަސް ފަހުން ފަލަސްތީނުގެ 120 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ކުނިތަކުގެ ތެރެއިން ފެނިފަ އެވެ.
ކަމަލް އަދްވާން ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލުން އަނަޑޯލޫއަށް މައުލޫމާތު ދެމުން ބުނީ ހަލާކުވެފައިވާ މަގުތަކުންނާއި ޖަބަލިއާ ކޭމްޕުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ތިބި ފަލަސްތީނުގެ 120 އަށް ވުރެ ގިނަ ހަށިގަނޑު އެމަޖެންސީ ކްރޫންނާއި ސިވިލް ޑިފެންސް ޓީމުތަކުން ހޯދާފައިވާ ކަމަށާއި ކުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ 20 ދުވަސް ފަހުން ޖަބަލިއާ ސަރަހައްދުގައި ދިން ހަމަލާތައް ހުއްޓާލާފައިވާކަން އިއުލާނުކޮށްފައެވެ.
ތެލްއަވީވްއިން މަރުވި މީހުންގެ ސައްހަ އަދަދުތައް ސިއްރުކުރާ ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައި، އެ ހަމަލާގައި އިސްރާއީލު ސިފައިންގެ 10 މީހަކު ވެސް ވަނީ މަރުވެފައެވެ.
މީގެ ގާތްގަނޑަކަށް އަށް މަސް ކުރިން އިސްރާއީލުން ހަމަލާދޭން ފެށި ފަހުން ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 36،400 މީހުން ވަނީ ޝަހީދުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 82،400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
އިސްރާއީލުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްވެރިކަން ހުއްޓުމަކަށް ގެނައުމުގެ ސަބަބުން ޣައްޒާގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިސްރާއީލުގެ މައްޗަށް ޖަރީމާހިންގުމުގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުން ކުރި ހުކުމުގައި ވަނީ ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ރަފާގައި ތެލް އަވީވްގެ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!