ހދ. އަތޮޅު ކައުންސިލުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގަ އެވެ.

Ad
rt

މިބައްދަލުކުރެއްވުމުގައި، މަސްވެރިކަމުގެ ދާއިރާއިން ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވި އެވެ.

އެ މިނިސްޓްރީން މަޢުލޫމާާތު ދެއްވިގޮތުގައި، އޭގެ ތެރޭގައި އުތުރުގެ ސަރަހައްދުން ފަސޭހައިން މަސްކިރޭނެ ނިޒާމެއް ޤާއިމްކުރުމާއި އެސަރަހައްދުގައި ދޯނި މަރާމާތު ކުރުމަށް ސްލިޕްވޭއެއް ޤާއިމްކުރުމާއި މަކުނުދޫ އަދި ހިރިމަރަދޫ، ނައިވާދޫ އަދި ނެއްލައިދޫ ސަރަހައްދުގެ އިތުރުން ހަނިމާދޫ، ނޮޅިވަރަންފަރު، ކުޅުދުއްފުށި ސަރަހައްދުގައި ކަނދުފަތި ޤާއިމްކުރުމާއި މެރިކަލްޗަރ ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ހދ. އަތޮޅު ކައުންސިލްގެ ގިނަ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން، ށ.ފުނަދޫ ކައުންސިލުން ވެސް މިއަދު ވަނީ ވަޒީރު އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ފުނަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓާއި ފެޑް ސެންޓަރުގެ މަސައްކަތާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރެއްވި. މީގެ އިތުރުން މަސްވެރިންނަށް ހުރި ފުރުޞަތުތަކާއި ފުނަދޫގައި މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމުގެ ގޮތުން މެރިކަލްޗަރގެ މަސައްކަތް ފެށުމާބެހޭ މަޝްވަރާތައްވެސް ކުރެއްވި އެވެ.