ޒަމާނުއްސުރެ ހިނގަމުންދާ ރޮހިންޔާ ދަރިކޮޅުގެ މައްސަލަ ހައްލުކުރުމަށް އދ.ގެ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ބަނގްލާދޭޝް އިން ގޮވާލާފިއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޙަސަން މަހްމޫދު މިކަމަށް ގޮވާލެއްވީ އދ.ގެ އޮފިޝަލުންނާ އެކު ހުކުރު ދުވަހު ނިއުޔޯކްގައި ބޭއްވެވި ހަތަރު ބައްދަލުވުމެއްގައި ކަމަށް ބަނގްލާދޭޝްގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ބައްދަލުވުންތަކުގައި، އދ.ގެ އެޖެންސީތަކުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން، ޚާއްޞަކޮށް ދުނިޔޭގެ ހަމަނުޖެހުންތައް ހިނގަމުންދާ ސަރަޙައްދުތަކުގައި ކުރާ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ބަންގްލަދޭޝްއިން ބުނީ ދެކުނު އޭޝިއާގެ އެ ގައުމުގައި ގާތްގަނޑަކަށް 1.3 މިލިއަން ރޮހިންޖާ ދަރިކޮޅުގެ މީހުން ދިރިއުޅެމުންދާ ކަމަށެވެ.
މިޔަންމާގެ ރާޚައިންގައި 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އަސްކަރީ ހަމަނުޖެހުންތަކުން ރޮހިންޖާ ދަރިކޮޅުގެ ގިނަ ބަޔަކު ވަނީ ފިލާފައެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ކޮކްސް ބާޒާރުގެ ތޮއްޖެހިފައިވާ ކޭމްޕްތަކުގައި ނަމަވެސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ގާތްގަނޑަކަށް 35،000 އެއްހާ މީހުން ވަނީ ބަސަން ޗާރު ނަމަކަށް ކިޔާ ރަށަށް ބަދަލުކޮށްފަ އެވެ.
ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތައް އަނބުރާ ގައުމަށް ފޮނުވުން ލަސްވުމުގެ ސަބަބުން އިންސާނީ ވަގުފާރި އާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމް ފަދަ ތަފާތު ކުށްތަކުގެ ހަބަކަށް ވެފައިވާ ކަމަށް އދގެ އާންމު މަޖިލީހުގެ މިހާރުގެ ރައީސް ޑެނިސް ފްރާންސިސްއާ ބައްދަލުކުރައްވައި އޭނާ ވިދާޅުވިއެވެ.
މިފެބްރުއަރީ މަހުން ފެށިގެން މިޔަންމާ ބޯޑަރު ފުލުހުންނާއި އަސްކަރިއްޔާގެ ގާތްގަނޑަކަށް 750 އެއްހާ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.
އޭގެ ތެރެއިން ގިނަ މީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށާއި ބާކީ ތިބި މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އދގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު ފިލިޕޯ ގްރޭންޑީއާ އެކު ބޭއްވި ބައްދަލުވުމެއްގައި މަހުމޫދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!