ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒު މިމަހުގެ 13 ވަނަ ދުވަހު ހުޅުވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިއީ ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ހުޅުވާ ފުރަތަމަ މަރުކަޒެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީކުރާ މި ސެންޓަރު ހިންގާނީ ޗައިނާގެ ޖޮންގްޝަން އޮޕްތަލްމިކް ސެންޓަރާއި، ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެންނެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒަށް ބޭނުންވާ މެޝިނަރީތަކާއި، މެޑިކަލް ކޮންސިއުމަބަލްސް ރާއްޖެގެނެސް، ސެންޓަރަށް ބޭނުންވާ ސެޓަޕް މިހާރު ރާވާ ނިމިފައިވާކަމަށާއި މިމަހުގެ 13 ވަނަ ދުވަހު މި ސެންޓަރު ހުޅުވުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ސެންޓަރުން ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާނީ ޗައިނާގެ ސްޕެޝަލިސްޓު ޓީމެއްކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.
ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒު ހުޅުވުމުގެ ކުރިން، އެތަނުން ލިބެން ހުރި ފަރުވާތައް އާއްމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކާ ޚާއްސަ ކޭމްޕެއް ބޭއްވުމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އެގޮތުން މި ކޭމްޕު ކުރިއަށްދާނީ މިމަހުގެ 8 އިން ފެށިގެން 11 ގެ ނިޔަލަށްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރުގައި ފަރުވާދޭނެ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ޕްޓެރީޖިއަމް ސަރޖަރީސް، ކޮންޖަންކްޓިވަލް ފްލެޕް ޓްރާންސްޕްލާންޓް އަދި ލޮލުގެ ރެޓީނާގެ ބަލިތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!