އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ލައުޓާރޯ މާޓިނޭޒްއަށް، އެ ޓީމުން ހުށަހެޅި އެއްބަސްވުން ގަބޫލުކޮށް އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ.
އުމުރުން 26 އަހަރުގެ މާޓިނޭޒް މިހާރު އިންޓައާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އައު ކޮންޓްރެކްޓްގެ ދަށުން އޭނާ އިންޓަ މިލާނުގައި 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަކަށް މަޑުކުރާނެއެވެ. އަލަށް ހަދާ އެއްބަސްވުމުގެ ދަށުން އިންޓައިން ވަނީ މާޓިނޭޒްއަށް އަހަރަކު ނުވަ މިލިއަން ޕައުންޑްގެ ދިނުމަށް ނިންމާފައެވެ. މީގެއިތުރުން ވެސް ބައެއް ބޯނަސްތައް ދިނުމަށް ކްލަބުން ވަނީ ނިންމާފައެވެ.
މި ސީޒަންގައި އިޓާލިއަން ލީގު އިންޓަ މިލާނަށް ކާމިޔާބު ކޮށްދިނުމުގައި މާޓިނޭޒްގެ ދައުރު ބޮޑެވެ. އޭނާ ވަނީ ލީގުގައި ކުޅުނު 33 މެޗުގައި 24 ލަނޑު ޖަހައި ހަ ލަނޑު ޖަހަން އެހީތެރިވެދީފައެވެ. މި ސީޒަންގައި އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.
މާޓިނޭޒް ވަނީ އިންޓަ މިލާނާއިއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ސްޕަކަޕް ތިންފަހަރު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އިންޓައާއިއެކު ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް އޭނާ ވަނީ ކުޅެފައެވެ.
މާޓިނޭޒް މިހާތަނަށް އިންޓައަށް ކުޅެދިން 283 މެޗުގައި ވަނީ 129 ލަނޑު ޖަހައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!