ތުރުކީ ލީގުގެ ފެނަބާޗޭގެ ކޯޗުކަމާއި ހަވާލުވާން މޮރީނިއޯ އެއްބަސް ވެއްޖެއެވެ.
އުމުރުން 61 އަހަރުގެ މޮރީނިއޯ ފެނަބާޗޭއާއި ހަވާލުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ 2026 ވަނަ އަހަރުގެ ސީޒަން ނިމެންދެން އެ ޓީމްގައި މަޑުކުރާނެއެވެ. އެއަށްފަހު އިތުރު އަހަރަކަށް އެއްބަސްވުން އިތުރު ކުރެވޭ މާއްދާ އެއްބަސްވުމުގައި ހިމެނާފައިވއެވެ.
ތުރުކީ ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ފެނަބާޗޭ މި ސީޒަން ނިންމާލީ ލީގުގެ ދެވަނާގައި އޮވެއެވެ. އެ ޓީމުން 99 ޕޮއިންޓް ހޯދި ނަމަވެސް 102 ޕޮއިންޓް ހޯދައިގެން ލީގު ކާމިޔާބު ކުރީ ގަލަޓަސަރާއީންނެވެ. 2014 ވަނަ އަހަރު ފަހުން ފެނަބާޗޭއަށް އައި ތުރުކީ ލީގު ކާމިޔާބު ކުރެވިފައި ނުވެއެވެ.
ފެނަބާޗޭއަށް އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ކޮލިފައިން ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. ވުމާއިއެކު އެ ޓީމަށް އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ދެ އަހަރާއި ބައި ސީޒަނަށް ފަހު އިޓަލީގެ ރޯމާގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރީ މި އަހަރުގެ ޖަނަވަރީ މަހުއެވެ. އޭގެ ފަހުން އޭނާ އެއްވެސް ޓީމަކަށް އިރުޝާދު ދީފައި ނުވެއެވެ. ރޯމާއާއި އެކު އޭނާ ވަނީ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފައެވެ.
މޮރީނިއޯ މިހާތަނަށް އިރުޝާދު ދިން ޓީމްތަކުގެ ތެރޭގައި ޕޯޓޯ، ޗެލްސީ، ރެއާލް މެޑްރިޑް، އިންޓަ މިލާން، މެންޗެސްޓާ ޔުނައިޓެއް އަދި ރޯމާ ހިމެނެއެވެ. ކޯޗެއްގެ ގޮތުގައި އޭނާ ވަނީ 21 ތަށި ކާމިޔާބު ކޮށްފައެވެ.
މޮރީނިއޯއަކީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގު ކާމިޔާބުކުރި ހަމައެކަނި ކޯޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!