ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ވާދަކުރާ މެޗުގައި، ރެއާލުގެ ގޯލް ބަލަހައްޓާނީ އެ ޓީމްގެ އެއް ނަމްބަރު ކީޕަރ ކޯޓުއާ ކަމުގައި އެ ޓީމްގެ ކޯޗް ކާލޮސް އަންޗެލޯޓީ ބުނެފިއެވެ.
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުޅި ސީޒަންގައި ހެން ކޯޓުއާ ހޭދަކުރީ ފަރުވާގައެވެ. ކޯޓުއާއަށް އަނިޔާވުމުން ރެއާލުގެ ގޯލު މުޅި ސީޒަންގައި ހެން ބެލެހެއްޓީ އެ ޓީމްގެ ބަދަލު ކީޕަރު ޔުކްރެއިންގެ އަންދްރޭ ލުނިންއެވެ. ލުނިން ވަނީ މުޅި ސީޒަނގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ރެއާލުން 36 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމުގައި އޭނާގެ ހިއްސާ ބޮޑެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއާލް ގެންގޮސް ދިނުމުގައި ވެސް މެއެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރެއާލުން ކުރި ހޯދިއިރު ސިޓީން ފޮނުވާލި ދެ ޕެނަލްޓީ ލުނިން މަތަކުރިއެވެ.
ކޯޓުއާ އަނިޔާއިން ސަލާމަތްވެ އެނބުރި ކުޅުމުގެ ތެރެއަށް އައީ ނިމިދިޔަ މެއި މަހުގެ ކުރީކޮޅެވެ. ސީޒަންގެ ފަހު މެޗުތަކުގެ ތެރެއިން ބައެއް މެޗުތަކުގައި އަންޗެލޯޓީ ވަނީ ކޯޓުއާއަށް ފުރުސަތު ދީފައެވެ. އެ ފުރުސަތުތަކުގައި ކޯޓުއާ ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ލުނިންގެ މޮޅު ކުޅުމުގެ ސަބަބުން ނޫސްވެރިން އަންޗެލޯޓީއާއި އެންމެ ގިނައިން ކުރި އެއް ސުވާލަކަށް ވެފައި އޮތީ ފައިނަލް މެޗުގައި ގޯލު ބަލަހައްޓާނީ ކޮން ކީޕަރެއްތޯއެވެ. އޭރު އަންޗެލޯޓީ ބުނީ ވަގުތު ޖެހުމުން ހުރިހާކަމެއް ވެސް ހާމަކުރާނެ ކަމަށެވެ.
މިރޭ ރާއްޖެ ގަޑިން މެންދަމު ބާރަ ޖަހާއިރު ފަށާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަކީ ގިނަ ގޮތްގޮތުން ވަރަށް ހާއްސަ މެޗެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ރެއާލުން މުބާރާތް 15 ފަހަރު ކާމިޔާބު ކުރަން ނުކުންނައިރު، ޑޯޓްމަންޑުން ނުކުންނަނީ ކިންގް ބަލިކޮށް 1997 ގެ ފަހުން ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.
މިރޭ މެޗަކީ ޑޯޓްމަންޑްގައި މުޅި ފުޓްބޯޅަ ކެރިއާ ހޭދަކުރި އެ ޓީމްގެ ކެޕްޓަން މާކޯ ރެއުސް އެ ޓީމްގެ ޖޯޒީގައި ކުޅޭ ފަހު މެޗެވެ. ވުމާއިއެކު މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ޑޯޓްމަންޑުން އޮތީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.
ފާއިތުވި 10 އަހަރު ރެއާލުގެ މެދުތެރޭ މޮޅު ކުޅުމެއް ދެއްކި އުމުރުން 34 އަހަރުގެ ޓޯނީ ކްރޫސް ވެސް މިއީ ރެއާލްގެ ޖޯޒީގައި ފެނިގެންދާނެ ފަހު މެޗެވެ. މި މަހު ފަށާ ޔޫރޯ މުބާރާތަށް ފަހު ކްރޫޒް ވަނީ ފުޓްބޯޅައިން ރިޓަޔަރ ކުރަން ނިންމާފައެވެ.
ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ކުރިން ރެއާލަށް ކުޅުނު ޖެންޓޯއެވެ. އޭނާ ވަނީ ހަފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. މި އަހަރު މުބާރާތް ރެއާލަށް ކާމިޔާބު ކުރެވިއްޖެނަމަ ލުކާ މޮޑްރިޒް، ޑެނީ ކަރަވަހާލް، ޓޯނޯ ކްރޫސްގެ އިތުރުން ނަޗޯއަށް ވެސް ޗެމްޕިއަންސް ލީގު ހަފަހަރު ކާމިޔާބު ކުރެވުނީއެވެ. ރެއާލުން ވަނީ ފާއިތުވި ދިހަ އަހަރުތެރޭ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!