އިންޑިއާގައި ހޫނުގަދަވުމުގެ ސަބަބުން އެގައުމުގެ އެކި ސިޓީތަކުން 18 މީހަކު މިހާތަނަށް މަރުވެފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް (122 ފެރެންހައިޓް) އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.
އިރުމަތީގެ ސްޓޭޓްތައް ކަމަށްވާ އޮޑިޝާ އާއި ބިހާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 10 މީހުން ވަނީ މަރުވެފަ އެވެ. ވެރިރަށް ނިއު ދިއްލީގައި ވެސް އެކަކު މަރުވެފައިވާއިރު، ހޫނުމިން ގަދަވުމުގެ ސަބަބުން އެ ސިޓީގެ އެއާޕޯޓުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ.
އޮޑިޝާގެ ރައުރްކެލާ ސިޓީގެ އޮފިޝަލުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަށް މީހަކު މަރުވެފައިވާ ކަމަށާއި ބުރާސްފަތި ދުވަހުގެ ރޭ 8:00 އާ ހަމައަށް އެންމެ ހަ ގަޑިއިރުގެ ތެރޭގައި ފަރުވާ ދެމުން ދަނިކޮށް އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށެވެ. ހޮސްޕިޓަލްގެ ސުޕްރިންޓެންޑެންޓް ސުދަރަނީ ޕްރަދާން ވިދާޅުވީ ބައެއް ޕޭޝަންޓުންގެ ހަށިގަނޑުގެ ފިނިހޫނުމިން ހުރީ 103-105 ޑިގްރީ ސެލްސިއަސް (39-40.5 ޑިގްރީ ސެލްސިއަސް) އާ ދެމެދުގައި ކަމަށެވެ.
އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއުއެއްގައި ޕްރަދާން ބުނީ އެ ސްޓޭޓުގައި ހޫނު ގަދަވުމުގެ ހާލަތު އޮތުމުން އެ މީހުން މަރުވެފައި ވަނީ ހޫނުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެއާޕޯޓުގެ ޓާމިނަލްގައި ފްލައިޓްގެ އިންތިޒާރުގައި އުޅެނިކޮށް ހޫނުގަދަވެ ހޭނެތިފައި ތިބި ފަސިންޖަރުންނަށް ބަޔަކު ވަރަށް ބޮޑަށް އެހީތެރިވާ މަންޒަރު ފެނެއެވެ.
ހޫނުގަދަވާ ގަޑިތަކުގައި ހެނދުނު 11:00 އިން ހަވީރު 4:00 އަށް ބޭރަށް ނުނިކުތުމަށާއި ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހައިޑްރޭޓްވުމުން ސަލާމަތްވުމަށް ގިނައިން ފެން ބުއިމަށާއި ލުއި ކޮޓަން ފދަ ހެދުން އެޅުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން އިތުރަށް އުފުލިދާނެ ކަމަށާއި، ހޫނު މަޑުވާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނާތީ ހޫނާއި ގުޅުންހުރި އިތުރު ބަލިތައް ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!