އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 14.2 މިލިއަން މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން މިހާރު ކުރިމަތިވެފައިވާ ކަމަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބުނެފިއެވެ.

އެފްއޭއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ރިޗަޑް ޓްރެންޗާޑް ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޖަމިއްޔާއިން އެންމެ ފަހުން އެކުލަވާލި އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ގެ 2024 ވަނަ އަހަރުގެ މާޗް-އޭޕްރީލް ރިޕޯޓަށް ބަލާއިރު، 14.2 މިލިއަން މީހުން ނުވަތަ އަފްޣާނިސްތާނުގެ އާބާދީގެ 37 އިންސައްތަ މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

Ad
rt

މިއީ 2022 ވަނަ އަހަރުގެ ކުރީކޮޅު، އާބާދީގެ 55 އިންސައްތަ، ގާތްގަނޑަކަށް 23 މިލިއަން މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ދުވަސްވަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެއް ކަމަށް ޓްރެންޗާޑް ވިދާޅުވިއެވެ.

މިއީ އަފްޣާނިސްތާނުގެ ދަނޑުވެރިންނާއި އެގައުމުގެ ރައްޔިތުންގެ ހިތްވަރާއި، މޫސުމީ ހާލަތު ރަނގަޅުވެ، އަފްޣާނިސްތާނުގެ އިގްތިސާދު ހަމައަކަށް އެޅުމާއި، އިންސާނީ އެހީތެރިކަން ވަރަށް ބޮޑު މިންވަރަކަށް ލިބެމުންދާކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އަފްޣާނިސްތާނަކީ ކާބޯތަކެތީގެ ނުރައްކަލުގެ އެންމެ ބޮޑު ކާރިސާގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށާއި، މިކަމުން ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންސާނީ ކާބޯތަކެތީގެ އެހީއާއި ދަނޑުވެރިކަމުގެ ކުއްލި އެހީއަށް އިންވެސްޓްކުރުން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.