މަސްތުވާތަކެއްޗާ އެކުގައި ކ. މާފުށީ ޖަލުގައި މަސައްކަތް ކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ މާފުށީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ޖަލު އޮފިސަރެކެވެ.
މި މީހާ ހައްޔަރު ކޮށްފައިވަނީ މާފުށީ ޖަލުކައިރިން ހުއްޓުވާ ބަލާ ފާސްކުރިއިރު އޭނާ އަތުގައި މަސްތުވާތަކެއްޗަށް ޝައްކުރެވޭ ތަކެތި ހުރުމުންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އޭނާ އަތުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ތަކެތީގައި 38.4 ގުރާމް ހުރިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ހައްޔަރު ކުރިމީހާ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށްވަނީ 10 ދުވަސް ޖަހައިފައެވެ.
މާފުށީ ޖަލާއި އެ ނޫން ވެސް ޖަލުތަކުގައި މަސައްކަތް ކުރާ ޖަލު އޮފިސަރުން ޖަލަށް މަސްތުވާތަކެތި ވައްދާ ކަމުގެ ޝަކުވާ އަބަދުވެސް އިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!