ސިވިލް ސަރވިސް ކޮންފަރެންސް އަންނަމަހު 9 އިން 10 އަށް ދަރުބާރުގޭގައި ކުރިއަށް ދާނެކަމަށް ކުރިއަށްދާނީ ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ސީއެސްސީއިން މިއަދު ބުނީ، ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ކުރިއަށް ދާނީ "ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް" ގެ ޝިޢާރުގެ ދަށުން ކަމަށެވެ.
ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ޓަކައި ކޮންމެ 2 އަހަރުން 1 އަހަރު ސިވިލް ސަރވިސް ކޮންފަރެންސްގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ކޮންފަރެންސެކެވެ.

އެދާއިރާއިން ގުޅުންހުރި 3 ދާއިރާއަކުން 15 ކަރުދާހެއް މި ކޮންފަރެންސްގައި ހުށަހެޅިގެންދާނެކަމަށާއި ރާއްޖެއިން ބޭރުގެ 2 ސްޕީކަރުން ރާއްޖޭގެ 2 ސްޕީކަރުން މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗް ދެއްވާނެއެވެ.
ކޮންފަރެންސްގެ ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 3 ޝިޢާރަކީ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އޮފީހުގެ އެކިކަހަލަ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް ހަރުދަނާކުރުމާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސަރވިސްއެއް ޤާއިމުކުރުމުގެ އިތުރުން، ހަރުދަނާ އުސޫލްތަކާއި އަޚްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުމެވެ.

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ 250 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން، ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން އަދި ނައިބުން، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 113 އަށް ވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!