ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް މުއްދަތެއް ނެތް ގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށާއި އިންސާފު ނެތި އަބަދު އޮވެގެން ނުވާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިހެން ވިދާޅުވީ، ބެއިޖިންގައި ބޭއްވި ޗައިނާ-އަރަބް ސްޓޭޓްސް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ޗައިނާއިން ތާއީދުކުރާކަން ތަކުރާރުކުރައްވަމުން ޝީ ވިދާޅުވީ، އަދުލުއިންސާފު ނެތި އަބަދު އޮވެގެން ނުވާނެ، ދެ ދައުލަތުގެ ހައްލަކަށް އޮތް ވައުދު ގެއްލުވާލައިގެން ނުވާނެކަމަށެވެ.

މި ފޯރަމްގައި ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ޓިއުނީޝިއާގެ ރައީސް ކައިސް ސައިދާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ބައިވެރިވެވަޑައިގަންނަވައެވެ.

ޝީ ވިދާޅުވީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފުރިހަމަ ސިޔާދަތު އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ޗައިނާއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށާއި އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށެވެ.

ފަލަސްޠީނަކީ އދ.ގެ ފުރިހަމަ މެންބަރު ޤައުމަކަށް ހެދުމަށް ތާއީދު ކުރައްވާ ޝީ ވަނީ ބައިނަލްއަޤްވާމީ ސުލްހައިގެ ކޮންފަރެންސެއް މިހާރަށްވުރެ ފުޅާދާއިރާއެއްގައި، ބާރުވެރި އަދި ހަރުދަނާ ބައިނަލްއަޤްވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް ޗައިނާއިން ގޮވާލައްވާކަން ތަކުރާރުކުރައްވާފައެވެ.

ޝީ އިތުރަށް ވިދާޅުވީ ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާއި ހަނގުރާމައަށްފަހު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ ކުއްލި އެހީ ފޯރުކޮށްދިނުމުގައި އދ.ގެ އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އަށް ބެއިޖިންއިން ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަރަބި ދައުލަތްތަކާ އެކު އޮންނަ ގުޅުމާ ބެހޭ ގޮތުން ޝީ ވިދާޅުވީ ޗައިނާ-އަރަބި ގުޅުން "ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމުގެ ނަމޫނާއަކަށް" ބިނާކޮށް، އެ ޖަމާއަތާ އެއްބައިވަންތަކަމާއެކު ތެދުވަން ބެއިޖިން އިން ތައްޔާރަށް އޮތް ކަމަށެވެ.

ހަލަބޮލި އަދި ހަމަނުޖެހުންތަކުގެ ތެރެއިން ދުނިޔޭގައި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމަކީ އެއްބައިވަންތަކަމުގެ މަގެއް ކަމަށާއި އިންސާފުވެރިކަމާއި އިންސާފަކީ ދެމެހެއްޓެނިވި ސަލާމަތުގެ ބިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާފުވެރިކަމާއި އަދުލު އިންސާފު ދެމެހެއްޓުމަށާއި ދިގު މުއްދަތަކަށް ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް މަގުފަހިވާ ހޮޓްސްޕޮޓް މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހޯދުމަށް އަރަބި ގައުމުތަކާ އެކު މަސައްކަތް ކުރަން ޗައިނާ އޮތީ ތައްޔާރަށް،" ޝީ ވިދާޅުވިއެވެ.

އަދި ބޭންކިން ދާއިރާ ހިމެނޭ ގޮތަށް އަރަބި ގައުމުތަކާ އެކު އިންވެސްޓްކުރުމާއި ފައިނޭންސް ކޯޕަރޭޝަންގެ އޮނިގަނޑު ފުޅާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަހަރަކު ގާތްގަނޑަކަށް 400 ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކުރާ ޗައިނާއަކީ މިހާރު އަރަބި ސަރަހައްދުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އަދި ޗައިނާ-އަރަބް ސެންޓަރ އޮފް ގްލޯބަލް ސިވިލައިޒޭޝަން އިނީޝިއޭޓިވް އުފައްދަން އަރަބި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ޝީ ހުށަހެޅުއްވިއެވެ.

އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 10 މިލިއަން ޓޫރިސްޓުންގެ ދެކޮޅު ދަތުރުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރަމުން އަންނަ އަރަބި ސިޔާސީ ޕާޓީތަކުގެ 200 ލީޑަރުންނަށް ކޮންމެ އަހަރަކު ވެސް ޗައިނާއަށް ޒިޔާރަތް ކުރުމަށް ބެއިޖިން އިން ދައުވަތު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މެދުއިރުމަތީގެ އިންޑަސްޓްރިއަލައިޒޭޝަނަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ލޯނުތަކުން ފައިނޭންސް ކުރާ ކޯޕަރޭޝަން ޕްރޮޖެކްޓްތައް އަވަސް ކޮށްދެއްވާނެ ކަމަށް ވެސް ޝީ ވަނީ ވައުދުވެވަޑައިގެންފައެވެ.

"ޗައިނާއިން ދެ ފަރާތުގެ މާލީ އިދާރާތަކުގެ މެދުގައި ގާތް ގުޅުމެއް ބާއްވަން ތާއީދުކުރާ ކަމަށާއި، ޗައިނާގައި ޕެންޑާ ބޮންޑު ދޫކުރުމަށް އަރަބި ގައުމުތަކަށް މަރުހަބާ ކިޔާ ކަމަށާއި ކްރޮސް ބޯޑާ އިންޓަބޭންކް ޕޭމަންޓް ސިސްޓަމްގައި ބައިވެރިވުމަށް އަރަބި ބޭންކުތަކަށް މަރުހަބާ ކިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަރަބި ފަރާތްތަކާއެކު މަރުކަޒީ ބޭންކުގެ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ވެސް ޗައިނާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

2004 ވަނަ އަހަރު އުފެއްދި މި ފޯރަމަށް ޗައިނާ އާއި އަރަބި ގައުމުތަކުން 20 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، 10 ވަނަ ވަޒީރުންގެ ބައްދަލުވުން ބެއިޖިންގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވައިފައެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާއި މޮރިޓޭނިއާގެ ޚާރިޖީ ވަޒީރު އަދި މި ފޯރަމްގެ ކޯޗެއާ ޑރ.މުހައްމަދު ސަލީމް އޮލްޑް މެރްޒޫކް ބައިވެރިވެ ވަޑައިގަންނަވާއިރު، މި ފޯރަމްގައި އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ނުވަތަ މަންދޫބުންނާއި ލީގް އޮފް އަރަބް ސްޓޭޓްސްގެ ސެކްރެޓަރީ ޖެނެރަލް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ފޯރަމް ފާހަގަ ވެގެންދަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދާއި ޢަރަބި ޤައުމުތަކުގެ މެދުގައި ޕްރައިމަރީ މަލްޓިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްއާ ބެހޭގޮތުން މަޝްވަރާކުރުމަށް ޗައިނާ އާއި ޢަރަބި ލީގުގެ މެދުގައި ކުރިއަށްގެންދާ ރަސްމީ މަޝްވަރާ އިނީޝިއޭޓިވްއެއްގެ ގޮތުގައެވެ.