އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ވެރިވެގަނެ، ހިންގަމުން ގެންދާ ގަތުލުއާންމާ ގުޅިގެން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
"ރަފަހް އަނދަނީ" ނަމުގައި އިސްރާ ޖަމިއްޔާ އިން ބާއްވާ އެއްވުން އޮންނާނީ ހުކުރު ދުވަހު 4 ޖަހާއިރު އާޓިފިޝަލް ބީޗުގައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން އަނެއްކާވެސް ގުނޫތު ކިޔަން ވަނީ ފަށައިފައެވެ. ގުނޫތު ކިޔަން ފަށާފައި ވަނީ މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެކަމުގެ ބަދަލު ހިފަން އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. ހަމާސް އިން ދިން ކުއްލި އެ ހަމަލާގައި އިސްރާއީލްގެ 1،000 އަށް ވުރެ ގިނަ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ ޣައްޒާ އިން 36،096 ރައްޔިތުން ޝަހީދުކޮށްލައި 81،136 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ. އިސްރާއީލްގެ ހަމަލާތައް މިހާރު ބޮޑަށް އަމާޒުކޮށްފައި ހުރީ ޣައްޒާގެ ދެކުނުން އޮންނަ ރަފަހަށެވެ. އެ ސަރަހައްދުގައި ދިރިއުޅުނު 800،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ސަރަހައްދުން ފައިބައިފައެވެ.
އިސްރާއީލުން ރަފަހްގައި ދާދި ފަހުން ބޮޑު ގަތުލުއާންމެއް ވެސް ހިންގިއެވެ. ރަފަހްގައި ހުރި ޓެންޓަކަށް ހަމަލާދީ 60 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!