ދެކުނު އޭޝިއާގައި އެންމެ މުހިންމު އެއް ކޮމާޝަލް ބަނދަރު ކަމަށްވާ ސިންގަޕޫރު ޕޯޓްގައި ކާގޯ ބޯޓުތައް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެ, މުދާ ލިބުން ލަސްވެ އަދި މުދަލުގެ އަގު އުފުލިދާނެ ކަމުގެ ބިރު ހީވާން ފަށައިފި އެވެ.
ބޭރުގެ މީޑިއާތަކުން ބުނިގޮތުގައި އެ ބަދަލު އަންނަން ފެށީ ޗައިނާއިން އިމްޕޯޓްކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރަން އެމެރިކާ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ޗައިނާއިން ބޭރުކުރާ ކޮންޓެއިނަރުގެ އަގުތައް ވަރަށް ބޮޑަށް އުފުލުމުންނެވެ. އަދި އެ ބަދަލާ ގުޅިގެން ގިނަ އަދަދެއްގެ ކާގޯ ބޯޓުތައް ސިންގަޕޫރު މަގުން ދަތުރު ކުރަން ފަށާފައިވާއިރު, ސިންގަޕޫރު ޕޯޓް ތޮއްޖެހެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
އެގޮތުން އާންމުކޮށް ކުރިން މަހެއްގެ ތެރޭގައި 600 އެއްހާ ކާގޯ އުޅަނދަށް ހިދުމަތް ދޭންޖެހުނަސް މިހާރު އެ އަދަދު 1,000 އަށް އަރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުންޏެވެ.
މީގެ އިތުރުން ކުރިން އެއްދުވަހުން ކްލިއާ ކުރެވޭ ބޯޓުތައް މިހާރު ކްލިއާކުރަން ހަފުތާއެއް ހޭދަވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ވެހިކަލް ފަދަ ބޮޑެތި މުދާތައް ކޮންޓެއިނަރު ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް އެ ދާއިރާގެ ތަޖްރިބާކާރުންނާ ހަވާލާދީ މީޑިއާތަކުގައިވެ އެވެ.
"މިހާރު މި އިސްކަން ދެނީ ކޮންމެހެން އަރުވަންޖެހޭ މުދާތަކަށް." ހާމެސް ލޮޖިސްޓިސްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މީގެ އަސަރު އެހެން ގައުމުތަކުގެ ޕޯޓްތަކަށް ވެސް ބާރު ބޮޑުވާން ފަށާނެ އެވެ. އަދި ފަރުނީޗަރާއި އެހެނިހެން އަގުހުރި ސާމާނުތައް ގެންދިއުމުގައި ވެސް ދަތިތައް ކުރިމަތިވާނެ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!