ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ގްރޭސްއަށް ތުހުމަތު ކުރޭތޯ ބަލަން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހުމާން ސުވާލު ކުރި ކަމަށް މީހަކު މިއަދު ޝަރީއަތަށް ހެކިބަސް ދީފި އެވެ.

އޮކްޓޫބަރު,2021 މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިނާއި އެކަމުގައި ބައިވެރިވި ކަމަށް ބުނެ މާވިންގެ ލޯބިވެރިޔާގެ ގޮތުގައި ތުހުމަތުވާ ލަމްހާގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ.

Ad
rt

މާވިނާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގެ ނަރުހުންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގައި އެ ދުވަސްވަރު މާވިނާއި ލަމްހާއާއެކު ވެސް މަސައްކަތް ކުރި އެމަޖެންސީ ޑިޕާޓްމަންޓްގެ ނަރުހެކެވެ.

އޭނާ ހެކިބަސް ދެމުން ބުނީ މޭރީ އަމިއްލައަށް ދަން ޖެހުނީ ކަމަށް މާވިން ބުނި ކަމަށާއި މާވިނަށް އެ ވަގުތު ރޮވުނު ކަމަށް ވެސް ނަރުސް މީހާ ބުންޏެވެ. އަދި ފަހުން ލަމްހާއާ ބައްދަލުވެ ދެކެވުނު ވާހަކަތަކުގައި, އެ މަރުގެ ތުހުމަތު ކުރެވެނީ މާވިންއަށްތޯ ލަމްހާ ސުވާލު ކުރި ކަމަށާއި ޖަވާބުގައި އެ ގޮތަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ނަރުސް މީހާ ބުނި ކަމަށް އޭނާ ޝަރީއަތަށް ކިޔައިދިނެވެ.

އެ މައްސަލާގައި މާވިންއަށް ފުލުހުން ތުހުމަތު ކުރިތޯ ބަލަން ލަމްހާ މަސައްކަތްކުރި ކަމަށް މީގެކުރިން ވެސް ބައެއް މީހުން ހެކިބަސްް ދީފައިވެ އެވެ.

އެ މައްސަލާގައި އަދިވެސް ކުރިއަށް ދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.