ރޭ ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް އަރައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށައް 12 ދިވެހިން ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހަތަރު ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. އެމިނިސްޓްރީއިން އެގޮތަށް ހާމަކުރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހޯދި މައުލޫމާތުތަކަށްފަހު އެވެ. މިމައްސަލާގައި އެ މިނިސްޓްރީން ފުރަތަމަ ހާމަކުރީ ލަންކާ ފުލުހުން ހަ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދޫކޮށްލާފައިވަނީ ކުޑަ ތިން ކުދިންނާއި، އެ ކުދިންގެ މަންމައެވެ. އަދި އިތުރު މީހަކުވެސް ރޭގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލާނެ ކަމަށް އެނގިފައިވެއެވެ.
ބާކީ ތިބި ހަތް މީހުން މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެ ހަތް މީހުންގެ ތެރޭގައި ޕާސްޕޯޓްގެ މުއްދަތު ހަމަވެ، އަދި ވިސާގެ މުއްދަތު ހަމަވި ފަހުންވެސް ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި އުޅެމުންދިޔަ ދެ ދިވެހިން ހިމެނެއެވެ. އެ މީހުންގެ ބަންދުގެ މުއްދަތު މިއަދު އިތުރު ކުރާނެ ކަމަށް ބެެލެވެއެވެ.
ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށާއި، އަދި ލަންކާގެ ގާނޫނުތަކަށް އިހުތިރާމްކޮށް އެ ގައުމުގައި މަނާ އެއްވެސް ކަމެއް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއް ގައުމަކީ ލަންކާއެވެ. އެ ގައުމުގައި ގާތްގަނޑަކަށް 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ. ހަފްތާ ބަންދަށާއި، ބޭސްފަރުވާއަށާއި އެކި ބޭނުންތަކުގައި އަބަދުވެސް އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!