ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝިޔާމް ވިދާޅުވީސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އަދި މަސްވެރިންނަށް ބާކީ ނުދެވި ހުރި ފައިސާގެ އަދަދަކީ 61 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ވެސް ދިނުމުގެ މަސައްކަތް ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ފައިސާ ނުދެވި ހުރީ މިދިޔަ މަހުގެ 23 އިން ފަށައިގެންނެވެ.
"މަސްވެރިންނަށް މިސަރުކާރުން ޔަގީނުން ވެސް 881 މިލިއަން ރުފިޔާ ދޫކުރެއްވިއްޖެ. މަސް ނިމޭއިރު މިފްކޯއަށް ހުންނާނެ އުނދަގޫތަކެއް. އުއްމީދު ކުރަނީ މި ފައިސާ ވީހާވެސް އަވަހަށް މަސްވެރިންނަށް ދައްކާ ހަލާސް ކުރެވޭނެ ކަމަށް " ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ހަރަދު ކުޑަކޮށް، ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކުމަށްވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތެލަށް މިފްކޯއިން ކުރާ ހަރަދު ކުޑަކުރެވިގެން ނޫނީ މިފްކޯގެ ހަރަދު ކުޑަ ނުކުރެވޭނެތީ އެ ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރުގައި މަސްވެރިންނަށް ނުދެވި 280 މިލިއަން ރުފިޔާ ހުއްޓެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ކަމަށް މި ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ފައިސާ ވެސް މަސްވެރިންނަށް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!