ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ފްރެންޗް ކަޕްގެ ޗެމްޕިއަން ކަމާއިއެކު އެ ޓީމަށް އަލްވަދާއު ކިޔައިފިއެވެ. ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީން ވަނީ ރޭ 2-1 ގެ ނަތީޖާއިން ލިޔޯން ބަލިކޮށްފައެވެ.
އެމްބާޕޭ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރު މޮނާކޯއިންނެވެ. ޕީއެސްޖީގައި އޭނާ ހޭދަކުރި ހަތް އަހަރުގެ މުއްދަތުގައި ފްރާންސް ލީގު ވަނީ ހަފަހަރު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ލީގު ކަޕް ދެފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އެމްބާޕޭއަކީ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދިން 308 މެޗުގައި 256 ލަނޑު ޖަހާފައެވެ.
ރޭ މެޗުގެ ފުރަތަމަ އެގާރައިން އެމްބާޕޭއަށް ފުރުސަތު ދިންނަމަވެސް އެ ޓީމުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން، ކޯޗް ލުއިސް އެންރީކޭ އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައި ވަނީ އެންމެ ދެ މެޗުގައެވެ.
ރޭ މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީން ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުއެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ޑެމްބެލޭއާއި ފަބިއަން ރުއިޒްއެވެ. ލިޔޯންގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އޯބްރައަންއެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އޭނާގެ ކޮޓްރެކްޓް އައު ނުކުރާނެކަން އެ ޓީމަށް އަންގާފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ ދެން ފެންނާނީ ސްޕެއުންގެ ރެއާލް މެޑްރިޑުންނެވެ. ނަމަވެސް ރެއާލުން ވެސް އަދި އެމްބާޕޭ ވެސް އެކަމާއި ގުޅޭގޮތުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!