ފައިނަލް މެޗުގައި ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކޮށްފިއެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްގެންނެވެ.
ޔުނައިޓެޑަށް އެފްއޭކަޕް އެންމެ ފަހުން ކާމިޔާބު ކުރެވިފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭރު ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރީ ލުއިސް ވެންހާލްއެވެ. މިއީ ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. އެންމެ ގިނައިން އެފްއޭކަޕް ކާމިޔާބު ކޮށްފައި ވަނީ އާސެނަލުންނެވެ. އެ ޓީމުން 14 ފަހަރު މި މުބާރާތް ވަނީ ކާމިޔާބު ކޮށްފައެވެ.
މުޅި ސީޒަންގައި ވެސް މާރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނެތުމުން މި މެޗަށް ނުކުތްއިރު ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް އަށް އޮތީ ބޮޑު ޕްރެޝަރެކެވެ. ސަބަބަކީ ސަޕޯޓަރުންނާއި ޓީމްގެ ވެރިން ރުއްސަން ލިބޭ އެންމެ ފަހު ފުރުސަތުގައި ބަލިވެ ސީޒަންގައި ތައްޓެއް ނުލިބި ނިންމާލަން ޖެހިއްޖެނަމަ އޭނާގެ މަގާމު ގެއްލިދާނެތީއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ޔުނައިޓެޑުން ވަނީ ޓެން ހާގް އެ ޓީމްގެ ކޯޗުކަމުން ވަކިކުރަން ނިންމާފައެވެ.
އެހެން މެޗުތަކާއި އެއްގޮތަށް މިރޭ މެޗުވެސް ޑޮމިނޭޓް ކުރީ ސިޓީންނެވެ. ނަމަވެސް ސިޓީގެ އެޓޭކްގައި މިރޭ މާބޮޑު ކްރިއޭޓިވިޓީއެއް ނުފެނުނެވެ. ޑިފެންސަށް އިސްކަން ދީގެން ޔުނައިޓެޑުން ކުޅުނު ނަމަވެސް އެ ޓީމުން ދިޔައީ ކައުންޓަ އެޓޭކްގައި ސިޓީއަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭ ސިޓީގެ ގްވާޑިއޯލްއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޔުނައިޓެޑަށް މެޗުގެ ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ގަނާޗޯއެވެ. ދެވަނަ ލަނޑު އޭގެ ނުވަ މިނެޓްފަހުން ބަރޫނޯ ފެނާންޑޭޒްގެ މޮޅު ޕާހަކުން ތަނަވަސްވީ ފުރުސަތުގައި ޖަހައިދިނީ މައިނޫއެވެ.
ފަހުހާފު ސިޓީން ފެށީ ބަދަލުތަކަކާއި އެކުއެވެ. މިގޮތުން ޑި ބްރޭނާގެ ބަދަލުގައި އަލްވަރޭޒް އަދި ކޮވަސިޗްގެ ބަދަލުގައި ޑޯކޫ ވަނީ ކުޅެން ނެރެފައެވެ. ދެވަނަ ހާފުގައި ސިޓީގެ އަލްވަރޭޒްއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ވޯލްކާ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ކީޕަރު އޮނާނާއެވެ. ސިޓީގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ޖަހައިދިނީ ޑޯކޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!