މުދަލު ޒަކާތުގެ ނިސާބު 9353.40ރ. އަށް އިތުރުވެއްޖެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ބުނެފި އެވެ.
ޒަކާތު ހައުސް އިން ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 9353.40ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީމަހު ނެރެފައިވާ ނިސާބުގެ އަދަދަކީ 7،140 ރުފިޔާއެވެ.
މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައިވާ އިރު، މިދިޔަ މެއި މަހު ނިސާބު ކަނޑައެޅީ 7،312.55ރ. އަށެވެ.
އާންމުކޮށް މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ. ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އާ ސަރުކާރުން ވަނީ އުފައްދައިފަ އެވެ.
ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ވާޖިބެކެވެ.
މިދިޔަ ޖުލައި މަހު އެ ފައިސާގެ ތެރެއިން 26.8 މިލިއަން ރުފިޔާ ވަނީ ބަހައިފަ އެވެ. އެއީ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހަކަށް، ބޮލަކަށް 3،500ރ. ގެ މަގުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!