ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި އެވެ.
މިކަމަށް މަޝްވަރާކޮށްފައިވަނީ މިއަދު ނޭޝަނަލް ކައުޓަރ ޓެރެރިޒަމް ސެންޓަރުގެ ފަރާތުން ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމެއް މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު ބައްދަލު ވުމެއްގައެވެ.
މިބައްދަލުވުމުގައި 1441 ވަނަ އަހަރު ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާނެ ޙާފިޡުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ.
މިގޮތުން ގެނެވޭ ޙާފިޡުންނަކީ، ކަމަށް އެކަށީގެންވާ، ރާއްޖޭގަ އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުޞޫލުތަކަށް ތަބައުވާ، ރަނގަޅު ބައެއްތޯ ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް އެފަރާތުން ބުނެއެވެ.
މިކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެގޭ
މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބްކޮމިޓީއެއް ކަނޑައެޅިފައި ވެއެވެ. އެކޮމިޓީގައި ހިމެނޭ މުއައްސަސާ ތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒް، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ ހިމެނެއެވެ. މިފަހަރު އެކުލަވައިލެވޭ އުޞޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލް ތަކާ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ޙާފިޡުން ބެލެހެއްޓޭނެ އުޞޫލަކާމެދުގައި މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން ރާއްޖޭގައި ތިއްބެވި ޙާފިޡުންނަށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފުރުޞަތު އިތުރުކޮށް އެ ޙާފިޡުންގެ ބޭނުންކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ.
Ad
rt