ރާއްޖޭގެ އެކިކަންކޮޅުތަކުގައި 150 އެނދުގެ ތިން ހޮސްޕިޓަލެއް އަޅަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.

Ad
rt

މި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ވިދާޅުވީ ސައުދީ ފަންޑާއި ރާއްޖެއާ ދެމެދު ގުޅުން ވަރުގަދަވެފައި އޮންނަތާ 47 އަހަރުވެފައިވާ ކަމަށެވެ. އަދި މިއަދަކީ ތަރައްގީގެ ކަންކަމުގައި އެހީތެރިކަން ދިނުމާ ގުޅޭ ގޮތުން އާ ހަރުފަތަކަށް ދަތުރުކުރި ދުވަހެއް ކަމުގައި އޭނާ ވިދާޅުވިއެވެ. ސިއްހީ ދާއިރާ ތަަރައްގީ ކުރުމަށް ދިން އެހީއަކީ ރާއްޖޭގެ ރަށްރަށުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފޯރުކޮށްދޭ އެހީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސުލްތާން ވިދާޅުވީ ސިއްހީ ދާއިރާ އަށް ކުރިއެރުން ގެނައުމަށް ސޮއިކުރި 50 މިލިއަން ޑޮލަރުގެ ލޯނަކީ ތަފާތު ތިން ރަށެއްގައި ތިން ހޮސްޕިޓަލް އިމާރާތް ކުރުމަށް ދެވޭ ލޯން އެހީއެއް ކަމަށެވެ. މިއިން ކޮންމެ ހޮސްޕިޓަލެއްގައި 150 އެނދު ހުންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސުލްތާން ވިދާޅުވީ މި ހޮސްޕިޓަލްތަކުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރިއެރުން އަންނާނެ ކަމަށެވެ. މިއީ ކުރިއަށް އޮތް މުސްތަގްބަލްގައި ހަރުދަނާ ސިއްހީ ހިދުމަތެއް ގާއިމު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސުލްތާން ވިދާޅުވިއެވެ.

"ސިއްހީ ދާއިރާގެ މި ޕްރޮޖެކްޓަކީ އަހަރުމެންގެ ހިތާ ވަރަށް ގުޅިފައި އޮތް ކަމެއް. މިއީ ރައްޔިތުންނަށް އުންމީދެއް ގެނުވާނެ އަދި ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ހުރުމަށް މެދުވެރިވާނެ ކަމެއް. މި ޕްރޮޖެކްޓްގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު ލިބުމަކީ ސައުދީ ފަންޑުން ފަހުރުވެރިވާ ކަމެއް،" ސުލްތާން ވިދާޅުވިއެވެ.

ސުލްތާން ވިދާޅުވީ މި މަޝްރޫއު ފުރިހަމަވުމުން ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރު ޝަފީގް ވަނީ މިހާތަނަށް އައިިއިރު ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. ސައުދީ ފަންޑުން ރާއްޖޭގެ 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދީފައިވާ ކަން ވެސް ޝަފީގު ވަނީ ފާހަގަ ކުރައްވައިފައެވެ. އޭގެ ތެރޭގައި ހައުސިން އާއި ސިއްހީ ނިޒާމާއި ފިޝަރީޒް އަދި ކޮމާޝިއަލް އިންފްރާސްޓްރަކްޗާ ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް އެރި ސުނާމީ އާ ގުޅިގެން ވެސް ސައުދީން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.