އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އދ. ގެ އާންމު މަޖިލިހުން ރޭ ފާސްކޮށްފިއެވެ.
އދ. ގެ އާންމު މަޖިލިހުން މިކަމާ މެދުގައި ގޮތެއް ނިންމި ކަމުގައި ވިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްވެގެންނެވެ. އ.ދ. އިން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި އާންމު މަޖިލިހަށް "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ.
އެ ގަރާރަށް ބަހުސް ކުރުމަށް ފަހު، ގަރާރު ފާސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ރާއްޖެ ހިމެނޭ ގޮތަށް 143 ގައުމަކުން ވަނީ ގަރާރަށް ތާއީދުކޮށްފައެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 25 ގައުމަކުން ތިއްބެވެ.
Full result of the vote on enhancing @Palestine_UN's membership at the UN. pic.twitter.com/ejLHzz4P4M
— Rami Ayari (@Raminho) May 10, 2024
އާންމު މަޖިލީހުން މި ގަރާރު ފާސްކުރުމާއެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް ވަރަށް ގިނަ ހައްގުތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި އދ.ގެ އެހެން މެމްބަރު ގައުމުތަކާއެކު ކަނޑައެޅިފައިވާ ތަރުތީބުން އިށީނދެގެން ތިބުމުގެ ހައްގާއި އދ.ގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގާއި ގްރޫޕްތަކުގެ މެދުވެރިއެއްގެ ގޮތުގައި ވާހަކަ ދެއްކުމުގެ ހައްގާއި އދ.އަށް އެކިއެކި ކަންކަން ހުށަހަޅައި ކޯ ސްޕޮންސާ ކުރުމުގެ ހައްގާއި އދ.ގައި ނަގާ ވޯޓުތަކާއި ބަހުސްތަކުގައި ބައިވެރިވުމުގެ ހައްގާއި އދ.ގެ ޕްލީނަރީ އަދި މައި ކޮމިޓީތަކަށް ކުރިމަތިލުމުގެ ހައްގު ހިމެނެއެވެ.
ނަމަވެސް އދ.އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގު ފަލަސްތީނަކަށް ނުލިބެއެވެ. އެ ހައްގު ލިބޭނީ އދ. ގެ ސަލާމަތީ މަޖިލިހުން ނިންމާ ގޮތެއްގެ މަތިންނެވެ.
ފަލަސްތީނަކީ މިހާރު އދ.ގެ 'އޮބްޒާވާ ސްޓޭޓަސް'ގެ ގައުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!