މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނު މިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާ ދުވަސްވަރަކަށްވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ.

އެންވަޔަރަމެންޓަލް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ދުވަސްވަރެއްގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Ad
rt

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަންތައްތައް ކަމަަށް އީޕީއޭގެ ބަޔާނުގައިވެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންއިން ހިންގާ "ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮމޭޝަން ސާވީސް" ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާޓް ލެވަލް 1" ގައެވެ.

އަދި ރާއްޖޭގެ ގިނަ ސަރަހައްދަކުން ގާ ހުދުވުމުގެ ރިޕޯޓު ލިބެމުން އަންނަ ކަމަށް އެ ބަޔާނުގައިވެއެވެ.

"ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަޅުތައް ގުޅިލާމެހިފައިވާ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހާ ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ނުހަނު މުހިންމު ކަމެކެވެ،" އީޕީއޭގެ ބަޔާނުގައިވެއެވެ.

އީޕީއޭ އިން ބުނީ ރާއްޖޭގެ ސަރަހައްދު މިވަގުތު "އެލާޓް ލެވަލް 1" ގައި އޮތުމުން ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ އަންނަ މަހު 10ގެ ނިޔަލަށް ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

ބިންހިއްކުމުގެ އިތުރުން ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން، އެ އިއުލާނުގެ ދަށުން އީޕީއޭއިން ވަނީ މަނާކޮށްފައެވެ. އެ މަސައްކަތްތަކަށް އީއައިއޭ ހެދުން ވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ 1998 ގަ އެވެ.