ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވާދަވެރި ބާސެލޯނާ ބައްދަލުކުރި އެލްކްލެސިކޯ މެޗް، ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ރެއާލުން ޖެހިލައިފިއެވެ.

ރެއާލުގެ ދަޑުގައި ރޭ ރެއާލުން ވަނީ 3-2 ގެ ނަތީޖާއިން ބާސާގެ މައްޗަށް ކުރި ހޯދާފައެވެ. ރެއާލުން މިވަނީ މި ސީޒަންގައި ބާސާއާއި ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. މި ސީޒަންގައި ބާސާއާއި ރެއާލް ފުރަތަމަ ބައްދަލުކޮށްފައި ވަނީ ލީގުގައި މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ. އެ މެޗު ކުޅުނީ ބާސާގެ ދަނޑުގައެވެ. އެ މެޗުން ރެއާލް މޮޅުވީ އިތުރު ވަގުތުގައި ބެލިންހަމް ޖެހި ގޯލުންނެވެ. މި ސީޒަންގެ ސްޕެނިޝް ސްޕަކަޕް ސެމީގައި ވެސް މި ދެ ޓީމް ވާދަކުރިއެވެ. އެ މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބުކުރި އިރު، ވިނީސިއަސް ވަނީ ބާސާކޮޅަށް ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ.

Ad
rt

މި ސީޒަންގެ ފަހު އެލްކްލެސިކޯ މެޗަށް ރޭ މި ދެ ޓީމް ނުކުތީ ރެއާލުގެ ދަނޑުގައެވެ. ބާސާއިން ދެފަހަރަށް ލީޑު ނެގި މި މެޗު ރެއާލުން އެ ޓީމްކޮޅަށް ނަތީޖާ އަނބުރާލީ އިތުރު ވަގުތުގެތެރޭއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ ހަވަނަ މިނެޓުގައި ރަފީނިއާ ނަގައިދިން ކޯނަރަކުން ތަނަވަސްވީ ފުރުސަތުގައި މި ލަނޑު ޖަހައިދިނީ ކްރިސްޓެންސަންއެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިނީސިއަސް ވަނީ ލަނޑުޖަހައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ޕެނަލްޓީ ރެއާލަށް ލިބިފައިވަނީ ލޫކަސް ވަޒްކުއޭޒް ބާސާގެ އޭރިއާ ތެރެއިން ބޯޅަ ހިފައިގެން ކުރިއަށްދާން އުޅުމުގެ ތެރޭ ބާސާގެ ޑިފެންޑަރ ކުބާސީ ކުރި ފައުލަކާއި ގުޅިގެންނެވެ.

ބާސާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދީ ދެވަނަ ހާފުގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ފާމިންއެވެ. ނަމަވެސް މި ލީޑް ބާސާއަށް ދެމެހެއްޓުނީ މަދު ވަގުތު ކޮޅެއްގައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ވިނީސިއަސް ދިން ޕާހަކުން ރެއާލަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ލޫކަސް ވަޒްކުއޭޒްއެވެ. މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އިތުރު ވަގުތުގެ ތެރޭ ބެލިންހަމް ވަނީ ލަނޑުޖަހައި ރެއާލަށް މެޗު ކާމިޔާބު ކޮށްދީފައެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން އޭނާ ރެއާލަށް މި ސީޒަންގައި ޖަހައިދިން 21 ވަނަ ލަނޑެވެ.

މި މޮޅާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބާކީ ހަ މެޗު އޮތްއިރު، ރެއާލް މިވަނީ 36 ވަނަ ފަރަހަށް ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް ޖެހިލާފައެވެ. ރެއާލަށް 32 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ބާސާއަށް 32 މެޗުން ލިބިފައި ވަނީ 71 ޕޮއިންޓެވެ.