ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ފަހަތުން އަރާ ބާސެލޯނާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމް ވާދަކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގައި ކުޅެފައި ވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ބާސާއެވެ. ނަމަވެސް ބާސާ ދަނޑުގައި ރޭ ޕީއެސްޖީން ވަނީ 4-1 ގެ ނަތީޖާއިން އެ ޓީމް ބަލިކޮށް، އެގްރިގޭޓް ނަތީޖާ (6-4) އިން މޮޅުވެ ސެމީން ޖާގަ ކަށަވަރު ކޮށްފައެވެ.
ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި ބާސާކޮޅަށް ހަތަރުލަނޑު ޖެހި ފުރަތަމަ ޓީމަކަށް ޕީއެސްޖީވަނީ ވެފައެވެ. ޕީއެސްޖީން ވަނީ ދެ ފަހަރެއްގެ މަތީން ބާސާކޮޅަށް ނޮކައުޓް މެޗެއްގައި ހަތަރުލަނޑު ޖަހާފައެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރަފީނިއާއެވެ. ބާސާ ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް އެ ޓީމަށް މައްސަލަ ކުރިމަތިވީ 29 ވަނަ މިނެޓުގައި ޑިފެންޑަރ އަރައުހޯއަށް ރަތްކާޑް ދެއްކުމުންނެވެ. ޕީއެސްޖީގެ ޒުވާން ފޯވާޑް ބްރެޑްލީ ބަކޯލާ ބޯޅަ ހިފައިގެން ހުސްކޮށް ބާސާގެ އޭރިއާތެރެއަށް ވަންނަން މަސައްކަތްކުރި ވަގުތު އަރައުހޯ ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ބާސާއިން އެކަކު މަދުވުމުގެ ފައިދާ ނަގައި މެޗުގެ ކޮންޓްރޯލް ޕީއެސްޖީން ނެގިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ބަކޯލާ ބާސާގެ ގޯލުގެ ކުރިމައްޗަށް ހުރަސްކުރި ބޯޅަ ޑެމްބެލޭ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ޖުމްލަ 12 ކާޑު ފެނިގެންދިޔަ މި މެޗުގައި ވަނީ ތިން ރަތްކާޑް ފެނިގެން ގޮސްފައެވެ. އަރައުހޯގެ އިތުރުން ބާސާގެ ކޯޗް ޒަވީއަށާއި އަދި އެ ޓީމްގެ އޮފިސަލަކަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ.
ޕީއެސްޖީއަށް މެޗުގައި ލީޑު ލިބުނީ 54 ވަނަ މިނެޓުގައި ވިޓީނިއާ ޖަހައިދިން ލަނޑުންނެވެ. އަޝްރަފް ހަކީމީ ޖައްސާލި ބޯޅަ ބާސާގެ އޭރިއާ ބޭރުގައި ހުރެ ވިޓީނިއާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ހަތް މިނެޓް ފަހުން ބާސާގެ ޑިފެންޑަރ ކެންސެލޯ އެ ޓީމްގެ އޭރިއާތެރެއިން ޑެމްބެލޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީން އެމްބާޕޭ ވަނީ ލަނޑުޖަހައި އެގްރިގޭޓު ނަތީޖާއިން އެ ޓީމަށް ކުރި ހޯދައިދީފައެވެ. އެ ޓީމްގެ ހަތަރުވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ ވެސް އެމްބާޕޭއެވެ.
މިއީ ފާއިތުވި ތިން އަހަރުތެރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއަށް ދެވުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް އެ ޓީމަށް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް 2020 ވަނަ އަހަރު ވަނީ ފައިނަލުގައި ކުޅެފައެވެ. އެ އަހަރު ފައިނަލުން ބަލިވީ ބަޔާން މިއުނިކް އަތުންނެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ވާދަކުރަން ޖެހޭނީ ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސެމީން ޖާގަ ހޯދި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ މި މަހު 30 ވަނަ ދުވަހުގެ ރެއާއި އަންނަ މެއި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. ދެވަނަ ލެގުގަ މެޗުތައް އޮންނާނީ މެއި މަހުގެ 7 ވަނަ ދުވަހުގެ ރެއާއި 8 ވަނަ ދުވަހުގެ ރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!