އިނގިރޭސި ޕްރިމިއާ ލީގުގެ ރޭ ލިވަޕޫލާއި އާސެނަލް ކުޅުން މެޗުތަކުން މޮޅެއް ނުލިބުމުން ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޕޮއިންޓް ތާވަލުގެ އެންމެ ކުރީއޮތް މި ތިން ޓީމްގެ ތެރެއިން ރޭ ލީގުގައި ކުޅުން މެޗުން މޮޅުވެގެން އާސެނަލަށް އަދި ލިވަޕޫލަށް ވެސް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. މެންޗެސްޓާ ސިޓީން ވަނީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއިން ލޫޓަން ބަލިކޮށް 32 މެޗުން 73 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.
ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް އާސެނަލާއި ތިންވަނާގައި އޮތް ލިވަޕޫލަށް މިރޭ މެޗަށް ނުކުތުމެ ކުރިން އޮތީ 31 މެޗުން 71 ޕޮއިންޓް ހޯދާފައެވެ. ވުމާއިއެކު ރޭ މެޗު ކާމިޔާބު ކޮށްގެން 74 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް އޮތެވެ.
ނަމަވެސް އަމިއްލަ ދަނޑުގައި ލިވަޕޫލް ވަނީ 1-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް އަތުން ބަލިވެފައެވެ. މި މެޗުގައި ޕެލަސްގެ ހަމައެކަނި ލަނޑު 14 ވަނަ މިނެޓުގައި ޖަހައިދިނީ އެޒޭއެވެ. ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ޕެލަސްގެ ފޯވާޑް، މަޓޭޓާއަށް ވަނީ ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެވަދެ އޮއްވައި ކްލިއަ ކޮށްލީ ރޮބާޓްޝަންއެވެ.
މެޗުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެންޑޯ ފޮނުވާލި ހަމަލާ ހުރަސް ދަނޑިއަށް އަމާޒުވީއިރު، ކުޑަ އޭރިއާތެރޭ ހުރެ ނުނޭޒް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޕެލަސްގެ ކީޕަރެވެ. މީގެ އިތުރުން ސަލާހްއަށާއި ޑިއާޒްއަށް ލިބުނު ހުސް ފުރުސަތުތަކުގެ ހުރަހަކަށް ވީވެސް ޕެލަސްގެ ކީޕަރެވެ.
ރޭ އެސްޓަންވިލާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު އާސެނަލުން ވެސް ވަނީ ނަގާލާފައެވެ. އަމިއްލަ ދަނޑުގައި އާސެނަލް ވަނީ 2-0 ގެ ނަތީޖާއިން އެސްޓަންވިލާ އަތުން ބަލިވެފައެވެ.
މި މެޗުގައި ވިލާއިން ދެ ލަނޑު ވެސް ޖަހާފައި ވަނީ ފަހު ދިހަ މިނެޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު 84 ވަނަ މިނެޓުގައި ބެއިލީ ޖަހައިދިންއިރު ދެވަނަ ލަނޑު 87 ވަނަ މިނެޓުގައި ޖަހައިދިނީ ވަޓްކިންސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!