ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާއި ޑޯޓްމުންޑް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެތުލެޓިކޯއިން އެޑްވާންޓޭޖް ނަފައިފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ޑި ޕައުލްއެވެ. މިއީ އޭނާ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އެ ޓީމަށް ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ގްރިޒްމަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ލިނޯއެވެ.

Ad
rt

މެޗަށްފަހު ވާހަކަ ދައްކަމުން ޑޯޓްމަންޑްގެ ކޯޗް ވެސް ވަނީ ފުރަތަމަ ހާފުގައި އެ ޓީމްގެ ކުޅުން ދައްކަން ފާހަގަ ކޮށްފައެވެ. އޭނާ ބުނީ މި މެޗުގެ ފުރަތަމަ 30 މިނިޓް ދިޔައީ ވަރަށް ގޯސްކޮށް ކަމަށާއި މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ. ނަތީޖާ އޮތްގޮތުން އެއްވެސް ޓީމަކަށް އަދި މާބޮޑު އެޑްވާންޓޭޖެއް ނެތް ކަމަށާއި، ވުމާއިއެކު އަމިއްލަ ދަނޑުގައި ކުޅޭމެޗުން ނަތީޖާ ބަދަލު ކޮށްލެވިދާނެކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޑޯޓްމަންޑުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ސެބަސްޓިއަން ހޯލާއެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ޑޯޓްމުންޑްގެ ދަނޑުގައެވެ. މި މެޗު ކުޅޭނީ އަންނަ ހަފްތާ އަންގާރަ ދުވަހުގެ ރެއެވެ.