މާލޭގައި ޓެކްސީ ޑްރައިވަރުން ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ދަތުރު ކުރާ ނަމަ، އެކަން ރިޕޯޓު ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ދަތުރު ކުރަން ބޭނުންވާ މަންޒިލެއްގެ ސަބަބުން ދަތުރު ކުރަން އުޒުރުވެރިވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެވެ.

Ad
rt

އެފަދަ ކަންކަމަކީ މަނާ ކަމެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެފަދަ މައްސަލަތައް ކިއު އާރު ކޯޑު މެދުވެރިކޮށް ސްކޭން ކުރެވޭނެ ކަމަށެވެ.

މާލޭގައި ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.