އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުން މޮޅުނުވެވި ލިވަޕޫލަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލިއްޖެއެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ. ނަމަވެސް ރޭ މެޗު އެއްވަރުވުމުން ލިވަޕޫލް ދެވަނާގައި އޮތީ އެއްވަނާގައި އޮތް އާސެނަލް އާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް އެއްވަނާގައި އޮތީ ފައިދާ ގޯލުންނެވެ. މި ދެ ޓީމަށް 31 މެޗުން ލިބިފައި ވަނީ 71 ޕޮއިންޓެވެ. ތިންވަނާގައި މެންޗެސްޓާ ސިޓީ އޮތީ 70 ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

ލިވަޕޫލާއި ޔުނައިޓެޑް މި ސީޒަންގައި މިހާތަނަށް ތިން ފަހަރު ވާދަކޮށްފައިވާއިރު، ލީގުގައި ބައްދަލުކުރި ދެ މެޗު ވެސް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. ނަމަވެސް އެފްއޭކަޕް ކުއާޓާ ފައިނަލުގައި ޔުނައިޓެޑުން ވަނީ ލިވަޕޫލް ބަލިކޮށްފައެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން ވަނީ މޮޅު އެޓޭކިން ގޭމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ލިވަޕޫލުން ޔުނައިޓެޑް ކޮޅަށް ފަނަރަ ހަމަލާއެއް ފޮނުވާލިއެވެ. މި ހަމަލާތައް ހުއްޓުވުމުގައި ޔުނައިޓެޑްގެ ކީޕަރު، އޮނާނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ލިވަޕޫލަށް ޖަހައިދިނީ ލުއިސް ޑިއާޒްއެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 50 ވަނަ މިނެޓުގައި ލިވަޕޫލުގެ ޑިފެންޑަރ ކުއަންސާ ހެދި ގޯހަކުން ލިބުނު ބޯޅައަކުން ބްރޫނޯ ފެނާންޑޭޒް ޖަހައިދިން ލަނޑުންނެވެ. ދަނޑުގެ މެދަކާ ހިސާބުން ލިބުނު މި ބޯޅަ އޭނާ ވަނީ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ 67 ވަނަ މިނެޓުގައި މައިނޫ ޖަހައިދިން ހިތްގައިމު ލަނޑުންނެވެ. ނަމަވެސް ލިވަޕޫލުން ވަނީ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ސަލާހްއެވެ.