އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ބަރައިޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ދެވަނާގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލަށް 31 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލުން ވަނީ 30 މެޗުން 70 ޕޮއިންޓް ހޯދާފައެވެ. މިރޭ ލިވަޕޫލުން ރަށުން ބޭރުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ.
އާސެނަލްގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ބުކަޔޯ ސަކާއެވެ. މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި ނުވަވަނަ ޕެނަލްޓީއެވެ. އާސެނަލަށް ޕެނަލްޓީ ލިބިފައިވަނީ ބްރައިޓަންގެ އޭރިއާތެރެއިން ޖީސަސްއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
އާސެނަލްގެ ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖޯޖީނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކައި ހަވާޓްޒްއެވެ. ތިންވަނަ ލަނޑު 86 ވަނަ މިނެޓުގައި ޖަހައިދިނީ ކުރިން ބްރައިޓަންއަށް ކުޅުނު ޓްރޮސާޑްއެވެ.
ފާއިތުވި ވިހި އަހަރުތެރޭ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް އާސެނަލުން މަސައްކަތް ކުރަމުން އަންނައިރު، ދެން އެ ޓީމަށް ލީގުގައި ބާކީ އޮތީ ހަތް މެޗެވެ.
ފަހަކަށް އައިސް އާސެނަލުން ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް އަންނަނީ ނެރެމުންނެވެ. އެ ޓީމުން އެންމެ ފަހުން ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ވަނީ 10 މެޗުން މޮޅުވެފައެވެ. އެއް މެޗު އެއްވަރުވީއިރު މި މެޗުތަކުން ވަނީ 31 ޕޮއިންޓް ހޯދާފައެވެ. މި މެޗުތަކުގައި 38 ލަނޑު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!