މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އީދު ސަލާމް ކުރެއްވުމުން މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނީ، އީދު ސަލާމް ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ކަމަށެވެ.
އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ކުންފުނިތަކާއި އަމިއްލަ އެކި ޖަމިއްޔާތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވައެވެ.
އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސްގެ އަނބިކަނބަލުން ދައުވަތު ދެއްވައެވެ.
ރައީސް އޮފީހުން ބުނީ އީދު ސަލާމް ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ ކަލަންޑަރުގައިވާ ގޮތުން އަންނަ ބުދަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!