އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވިތާ 30 އަހަރު ފުރުނީ 1 ޖެނުއަރީ 2020 އަށެވެ.

އަތޮޅު ތަކުގެ މީހުން ކުޑަ ސިޓީއާއި ނުލައި މާލެ ފޭބުން ހުއްދަވީ އޭރު އަމަލު ކުރެވެމުން އައި " ރާއްޖެތެރޭ މީހުން މާލެ ފޭބުމާބެހޭ ޤަވާޢިދު " 1 ޖެނުއަރީ 1990 އިން ފެށިގެން އޭރުގެ ވަޒީރުންގެ މަޖިލިސްއިން އުވާލުމާއި ގުޅިގެންނެވެ.

Ad
rt

ރާއްޖެތެރޭ މީހުން މާލެ ފޭބުމާބެހޭ ޤަވާޢިދު އުވާލެއްވި ވަޒީރުންގެ މަޖިލިސްގެ ރިޔާސަތުގައި އިންނެވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބުދުލް ޤައްޔޫމެވެ.

ރާއްޖެތެރޭ މީހުން މާލެ ފޭބުމާބެހޭ ޤަވާޢިދު 1 ޖެނުއަރީ 1990 ގައި އުވާލެއްވުމާއެކު ރަށްރަށުގެ މީހުން މާލެ އައުމަށް ރަށު އޮފީހުން ގެންނަން ޖެހޭ ކުޑަސިޓީ ގެންނަން ނުޖެހޭގޮތަށް ހަމަ ޖެހިގެން ދިޔައެވެ.

އެ ޤަވާޢިދަކީ އޭގެ ކުރިން ދުވަސްތަކެއް ވަންދެން އަމަލު ކުރަމުން ގެންދެވުނު ޤަވާޢިދެކެވެ. ރަށްފުށުމީހުން މާލެ ދާނަމަ ރަށަށް ދައުލަތުން ލައްވާފައި ހުންނަ ވެރިމީހާ ނުވަތަ ކަތީބު އެރަށެއްގެ ރަށު އޮފީހުން ދެއްވާ ކުޑަ ސިޓީއެއް މާލެ ފޭބުމުގެ ހުއްދައެއް ގޮތުގައި އޭރު ގެންދަން ޖެހެއެވެ.