މި ރަމަޟާން މަހު ކަރަންޓާއި ފެން ބިލްކުރާނީ އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އަންގައިފިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ރޯދަމަހުގައި ޑޮމެސްޓިކް ކަރަންޓާއި ފެނުގެ ބިލަށް ރައްޔިތުން ބޮޑު ހޭދައެއްކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި އަރާ ވަރަށް ކަރަންޓާއި ފެނުގެ ބިލް ތައްޔާރުކުރަން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖު އަދަދު ބަލާފައި ވާނީ މިދިޔަ އަހަރުގެ ރޯދަމަހާއި ޑިމާންޑް މަތި އެހެން މަސްތައް އުނިކުރުމަށް ފަހުގައެވެ.

Ad
rt

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރާ އިރު، މި އަހަރުގެ މާޗު މަހުގެ ބިލަށް އަރާ އަދަދާއި ރޯދަމަހުގެ ޑިސްކައުންޓުގެ ގޮތުގައި ދޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވްރެޖު އަދަދު ބިލުން ފެންނާނެ ގޮތަށް ހިމަނަން ވެސް އާންމު ހިދުމަތްތައް ދޭ ކުންފުނިތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ރޯދަމަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އެންމެ ފަހުން ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް ހަމަޖެއްސީ ރައްޔިތުންނަށް މި ރޯދަ މަހު ލުއި ގޮތްތަކެއް ހޯދުމަށެވެ.

އެ ލުއިތަކުގެ އިތުރުން ރައީސް ވަނީ ސްޓެލްކޯއިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް އަންގަވައިފައެވެ. މި ރޯދަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލު ދެއްކުމަށް ކައުންސިލްތަކަށް ވެސް ވަނީ ލުއި ދީފައެވެ. މިސްކިތްތަކުގެ ކަރަންޓު ބިލު ދައްކާއިރު، މިހާރު ނަގާ ގަވަމެންޓް ރޭޓްގެ ބަދަލުގައި ދެން ޗާޖު ކުރާނީ ޑޮމެސްޓިކް ރޭޓެކެވެ.

ސަރުކާރުން ރޯދަ މަހު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހިލޭ ބަހައިފައެވެ. އަދި ރޯދަ މަހު ކާޑުގެ ބާވަތްތަކުގެ އަގު ބޮޑު ނުވާނެ ހެން ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައިވެއެވެ.