ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ބަލަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހިޔާނާތާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

ފައްޔާޒް، ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ.

Ad
rt

ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަން ނިންމީ ޗިޓުގައި އޮތް ގޮތުން އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި އާރުޑީސީގެ ހިޔާނާތުގެ މައްސަލާގައި 14 މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި މިހިޔާނާތުގައި 11 މިލިއަން ރުފިޔާ އެކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަގައި ތިން މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ އެކައުންޓަށް އަދި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް އެ ތިން މީހުން ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީއާރުޑީސީއާ ގުޅުން ހުރި އެހެން ކުންފުންޏެއްގެ އެކައުންޓަށް 392،000ރ. ވަދެފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 162،000ރ. އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.