މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުމަތީގައި އަދިވެސް ކުނިތައް ބަހައްޓަމުން ގެންދާ ކަމަށެވެ. އެހެންވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި އާއި ގޯޅި ކަންމަތީގައި ވެސް ކުނިތައް ބަހައްޓާ ކަމަށް ބުނެފައިވެއެވެ.
އެފަދަ ކަންތައްތައް ކުރާ މީހުން ހޯދުމުގެ މަސައްކަތް ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.
މާލޭގެ މަގުތައް ސާފު ތާހިރުކޮށް ބެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިއްޔެ އެކަނި ވެސް ޖުމުލަ 22.3 ޓަނުގެ ކުނި ވަނީ ނަގައިފައެވެ.
ކުނި ނެގުނު އަދަދުތަކަކީ:
- 350 ކިލޯގެ 18 ޕިކަޕު
- 1.5 ޓަނުގެ 8 ޕިކަޕު
- 2 ޓަނުގެ 2 ޕިކަޕުގެ ކުނި
ކުނި އަޅާ މީހާ ނުވަތަ ބަޔަކު ދެނެގަނެވިފައިވާ ނަމަ އެމީހަކު ނުވަތަ އެ ބަޔަކު އެޅި ކުނި އެމީހުން ލައްވާ ނަގުވައި މަގު ސާފު ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މިދިޔަ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް އައިއިރު، 100 އަށްވުރެ ގިނަ މީހުން މާލޭގެ މަގުތަކަށް ކުނި އަޅައިގެން ވަނީ ޖޫރިމަނާކޮށްފައެވެ. އެއިން ކޮންމެ މީހަކު 500ރ. އިން ޖޫރިމަނާ ކުރެއެވެ.
ރަމަޟާން މަހާ ދިމާކޮށް މާލޭގެ ވަރަށް ގިނަ ގެތަކުން ސާފު ކުރިއިރު، ފަރުނީޗަރާއި ގޭގައި ހިފާ ގެންގުޅޭ ތަކެތި ވަނީ މަގުމައްޗަށް އުކާލައިފައެވެ. އެހެންވެ، ގިނަ ކުނިތައް ނަގަން ޖެހުނީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!