އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 10،000 މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އަންނަ މަހު 21 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި ހަ ދުވަހުގެ މުއްދަތުގެ ހަމަވީ އިއްތެ މެންދުރު ފަހު 3:00 އަށެވެ. އީސީން ބުނި ގޮތުގައި ވޯޓުލާން 10،028 މީހުން ވަނީ ރީރެޖިސްޓާވެފައިވެއެވެ.
އީސީން ބުނީ އެ މުއްދަތުގައި އީފާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ޖުމުލަ 11،169 މީހުން ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،141 ފޯމު ބާތިލުވެފައިވާއިރު، ޖުމުލަ 10،028 މީހުން ވަނީ ކުރިން ރެޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ބޭރު ގައުމުތަކާއި ރިސޯޓުތައް ކަށަވަރުވަނީ ރީ ރަޖިސްޓްރީވާ މީހުންގެ އަދަދުންނެވެ. ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރީވި މީހުންގެ އަދަދަށް ބަލައި ވޯޓު ފޮށި ބަހައްޓަން އީސީން ނިންމީ މެލޭޝިއާގެ ކުއަލަލަމްޕޫރާއި ސްރީލަންކާގެ ކޮލަމްބޯގައެވެ. ނަމަވެސް ދެވަނަ ފުރުސަތުގައި އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް ވަނީ ރީ ރަޖިސްޓްރީވެފައެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ އެ ފޮއްޓަކަށް ވޯޓުލާން 150 އަށްވުރެ ގިނަ މީހުން ރީރެޖިސްޓާކުރުމުންނެވެ.
މަޖިލިސް އިންތިޚާބުގައި ޖުމުލަ 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!