މާލޭގެ މަގެއް މައްޗަށް ކުނި އެޅި މީހަކު ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ހޯދައި އެ މީހާ ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީގައި ކުނި ބެހެއްޓި މީހަކު މާފަންނު ޕޮލިސް ސްޓޭޝަނާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމެންޓް ޔުނިޓާ ގުޅިގެން ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް މިހާރު ޖޫރިމާނާކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރީ 500ރ. އިންނެވެ.
މާލެ ސަރަހައްދުގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. އެ ތަންތަނަށް ކުނި އަޅައިފި ނަމަ ކައުންސިލުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުންނަށް ޖޫރިމަނާ ކުރެވޭނެއެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެކަނި ވެސް މާލޭގެ މަތުމަތިން ނެގި 16 ޓަނުގެ ކުންޏާ އެކުގައި މިދިޔަ 16 ދުވަސް ތެރޭގައި މާލެ ސަރަހައްދުން ނެގި ކުނީގެ އަދަދު 200 ޓަނަށް ވުރެ ގިނަ ވާނެއެވެ. މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ މަގުމައްޗަށް ޖަމާ ކުރަމުންދާ މައްސަލައިގައި މިހާތަނަށް އައިއިރު 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ރަމަޟާން މަހާ ދިމާކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، ހަޑިކޮށްލައިފައެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ހިމެނެއެވެ.
މަގުމައްޗަށް ކުނި އެޅުމުން އުޅަނދުފަހަރު ދުއްވުމަށާއި ޕާކް ކުރުމަށާއި ހިނގާ ބިނގާވެ އުޅުމަށް އިންތިހާ އަށް ދަތިވިއެވެ.
މާލޭގެ މަގުމަތީގައި އަޅާފައި ހުރި ކުނިތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ވެމްކޯ އާއި ސިޓީ ކައުންސިލް ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!